މިއަދު ފެންނަން އޮތް ހަގީގަތަކީ ރާއްޖޭގެ ތަރައްޤީ އަށް ހުށަހެޅުނު އެއްވެސް ބިލަކަށް އެމްޑީޕީ މެމްބަރަކު ދެއްވި ވޯޓެއް ނެތް ކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ހއ.ދިއްދޫ ގެ ފެނުގެ ނިޒާމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާއި މަގު ހެދުން އަދި ހައުސިން ޔުނިޓުތަކުގެ މަޝްރޫޢު އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންނާ ސަރުކާރާ ގުޅުވާލަދޭ ހަމަ އެކަނި ވަޞީލަތަކީ ދާއިރާތައް ތަމްސީލުކުރައްވާ މަޖިލިސް މެމްބަރުން ނޫންކަމަށާ އެހެން ނަމަވެސް އެ ވަޞީލަތަކީ ރައްޔިތުން އެއިރެއްގައި ހުންނަވާ ވެރިއަކަށް ކުރައްވާ އިތުބާރު ކަމަށް ވިދާޅުވިއެވެ.
އެހެން ކަމުން ދާއިރާތަކަށް ގެންނަ ތަރައްޤީގައި ކޮންމެ ފިކުރަކަށް ތާއީދުކުރައްވާ މެމްބަރަކު ހުންނެވި ނަމަވެސް ސަރުކާރުން ކޮށްދޭން ޖެހޭ ކަންކަން ވަކި ތަރުތީބަކުން ރައްޔިތުންނާ ހަމައަށް އަންނާނެ ކަމަށާ އެގޮތުން ބަލާއިރު، މިހާ ތަނަށް ރާއްޖޭގެ ތަރައްޤީއަށް ހުށަހެޅުނު އެއްވެސް ބިލަކަށް އެމްޑީޕީގެ މެމްބަރުން ދެއްވި ވޯޓެއް ފެންނަން ނެތްކަން އެއީ މިއަދު ދިވެހި ކޮންމެ ރައްޔިތަކުވެސް ޤަބޫލުކުރާނެ ހަގީގަތެއް ކަމަށާ އެހެން ނަމަވެސް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ކަންކަމުގައި މެމްބަރުގެ ނުވަތަ ދާއީރާގެ ރައްޔިތުންގެ ފިކުރަކަށް ބެލުމެއްނެތި ސަރުކާރުން ގެންދަވަނީ ކަންކަން ކޮށްދެއްވަމުން ކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އިދިކޮޅުން އަބަދުވެސް ދައްކަވަމުން އަންނަނީ އެމަނިކުފާނު ލޯނު ނަންގަވައިގެން ކަންކަން ކުރާ ވާހަކަ ކަމަށާ އެހެން ނަމަވެސް އެމަނިކުފާނުގެ ހިތްޕުޅުގައި އުފެދޭ ސުވާލަކީ ލޯން ނަގައިގެން ރައްޔިތުންގެ ހައްޤުގައި ކަންކަން ކުރަން ބިރުގަންނަ ބަޔަކަށް ރައްޔިތުންނަށްޓަކައި އިތުރަށްކޮށްދެވިދާނެ ކަމެއް އޮންނާނެ ބާއޭ ކަމަށެވެ.
ޤައުމިއްޔަތުގެ ސިފަ މިއަދު ހުރިހާ ދިވެހި ރައްޔިތުންވެސް އިސްކުރަން ޖެހޭކަން ފާހަގަކުރައްވަމުން ރައީސް އިތުރަށް ވިދާޅުވީ، ކޮންމެ ދިވެހި ފަރުދަކުވެސް ޤައުމަށް އިޚްލާސްތެރި ވަފާތެރި ރައުސުލްމާލަކަށް ވާންޖެހޭ ކަމަށެވެ.
އަދި އެމަނިކުފާނު އަބަދުވެސް ހުންނަވާނީ ދިވެހި ހުރިހާ ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވުމުގައި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.