20 އަހަރަށްފަހު ވޯލްޑްކަޕްގެ ސެމީފައިނަލަށް ކްރޮއޭޝިޔާ ދަތުރުކޮށްފި

ވޯލްޑްކަޕްގެ ސެމީ ފައިނަލުގެ ފަހު ޖާގަ ކްރޮއޭޝިޔާ ހޯދައިފިއެވެ. ސެމީ ފައިނަލް ފަހު ޖާގަ ކްރޮއޭޝިޔާ ހޯދީ ރޭ ކުޅެވުނު ކްއާޓާފައިނަލްގެ ފަހުމެޗްގައި  ރަޝިޔާ އަތުން ހަތަރެއް ތިނަކުން ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.

 ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ދެ ޓީމް އޮތީ އެކެއް އެކަކުން އެއްވަރުވެފައެވެ. ރޭގެ މެޗްގައި ފުރަތަމަ ލީޑް ނެގީ ރަޝިޔާއިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ  ޑެނިސް ޝެރިޝޭވްއެވެ. ކްރޮއޭޝިޔާއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަންދްރޭ ކްރަމަރިޗެވެ.

މެޗުގެ ނުވަދިހަ މިނެޓުގެ ކުޅުން ނިމުނުއިރުވެސް ދެ ޓީމް އެކެއް އެކަކުން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެހާފު ކުޅުނެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ކްރޮއޭޝިޔާގެ ޑިފެންޑަރ ވީޑާ ވަނީ އެޓީމުގެ 2 ވަނަ ލަނޑު ކާމިޔާބުކޮށްދީ ކްރޮއޭޝިޔާއަށް ލީޑު ހޯދަދީފައެވެ.  އެކަމަކު އިތުރުވަގުތުގެ ދެވަނަ ހާފުގައި ރަޝިޔާގެ މާރިއޯ ފެނާންޑޭސްވަނީ ލަނޑެ ޖަހައި މެޗްގެ ނަތީޖާ 2-2 ން އެއްވަރުކޮށްދީފައެވެ.
މެޗްގެ އިތުރު ވަގުތުގެ ކުޅުން ނިމުނުއިރު 2 ލަނޑު 2 ލަނޑުން ދެޓީމް އެއްވަރުވެފައި އޮތުމުން މެޗްގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ރަޝިޔާއިން ދެ ޕެނަލްޓީވަނީ ބޭކާރުކޮށްލާފައެވެ.  ސްމޮލޯވް ފޮނުވާލި ޕެނަލްޓީ ކްރޮއޭޝިއާގެ ކީޕަރު ސުބަސިޗް ދިފާއުކުރިއިރު، ރަޝިޔާގެ ފެނާންޑޭސްގެ ޕެނަލްޓީ ގޯލާއި އަމާޒު ނުވެ ވަނީ ބޭރަށް ގޮސްފައެވެ.  ރަޝިޔާޓީމުން ޕެނަލްޓީ ކާމިޔާބުކުރި ތިން ކުޅުންތެރިންނަކީ ޒަގޮއޭވް، އިގްނޭޝެވިޗް އަދި ކުޒްޔޭވްއެވެ.

ކްރޮއޭޝިޔާގެ ކޮވަސިޗް ޖެހި ޕެނަލްޓީ ރަޝިޔާގެ ކީޕަރު އަކިންފީވް ދިފާއުކުރި ނަމަވެސް އެޓީމުން އަނެއް ހަތަރު ޕެނަލްޓީ އެޓީމުންވަނީ ކާމިޔާބުކޮށްފައެވެ.  ކްރޮއޭޝިޔާއިން ކާމިޔާބުކުރީ ބްރޮޒޮވިޗް، މޮޑްރިޗް، ވީޑާ އަދި ރަކިޓިޗް ޖެހި ޕެނަލްޓީތަކެވެ.

މި ނަތިޖާއާއިއެކު ކްރޮއޭޝިޔާވަނީ 20 އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. ވޯލްޑްކަޕްގައި މިހާތަނަށް ކްރޮއޭޝިޔާއަށް ހޯދުނު އެންމެ ބޮޑު ކާމިޔާބަކީ 1998ގެ ވޯލްޑްކަޕް ތިންވަނަ ހޯދުމެވެ. މިފަހަރު އެކާމިޔާބީއަށްވުރެ ބޮޑު ކާމިޔާބަކަށް އެގައުމުގެ ކުޅުންތެރިން އުއްމީދުކުރެއެވެ.
ސެމީ ފައިނަލްގައި ކްރޮއޭޝިޔާ ނިކުންނާނީ ސްވިޑެން ބަލިކޮށް ސެމީން ޖާގަ ހޯދި އިންގްލެންޑާއި ދެކޮޅަށެވެ.

Next: “މިއަދު މިފެންނަނީ ރާއްޖޭގައި މެޗުއަރ ޑިމޮކްރަސީއެއް އޮތްތަން، ސަބަބަކީ އެމްޑީޕީގެ ބާރު ނަޝީދު އަތުން ކެނޑިގެންދިއުން” – މޫސަ