ވޯލްޑް ކަޕްގެ މެޗްތައް ދެއްކުމުގެ ލައިސަންސް ނެތް ފަރާތްތަކުން، ހުއްދަ ނެތް ޗެނަލްތައް ނުދެއްކުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ގޮވާލައިފިއެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، އެމްބީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބް ވިދާޅުވީ ވޯލްޑް ކަޕް ދެއްކުމުގެ ލައިސަންސް އޮތް ފަރާތްތަކާއި އެމްބީސީން ބައްދަލުކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް ގަނެފައިވާ ޕީއެސްއެމްއާއި ޕީއެސްއެމްއާއެކު އެއްބަސްވުންހަދާފައިވާ ފަރާތްތަކެވެ. އެހެންކަމުން ހުއްދަ ނެތް އެއްވެސް ފަރާތަކުން ދެއްކުމުގެ ލައިސަންސް ނެތް ޗެނަލެއް ނުދެއްކުމަށް އެމްބީސީން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން އެއްވެސް ކޭބަލް އޮޕަރޭޓަރަކު ހުއްދަނޫން ޗެނަލެއް ނުވަތަ ލައިސަންސް ނެތް ޗެނަލެއް ދައްކާނަމަ އެމްބީސީއަށް އެކަން ރިޕޯޓް ކުރުމަށް އެމްބީސީން ވަނީ އެދިފައެވެ.