ޗެމްޕިއަންސް ލީގުގެ ތަށި ރެއާލް މެޑްރިޑަށް ޖެހިޖެހިގެން ތިން ފަހަރު ހޯދައިދިނުމަށްފަހު ކޯޗު ޒައިނުއްދިން ޒިދާން އިސްތިއުފާދީފިއެވެ.
ކޯޗެއްގެ މަޤާމްގައި ހޭދަކުރި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރެއާލްއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ޒިދާން ކޯޗުގެ މަޤާމުން އިސްތިއުފާ ދީފައިވަނީ މިއަދު ހަވީރު ކުއްލި ގޮތަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ޒިދާން ބުނީ މި ނިންމުން ނިންމީ ވަރަށް ބޮޑަށް ވިސްނުމަށްފަހު ކަމަށާއި، ބައެއް ފަރާތްތަކަށް މިއީ ރަނގަޅު ނިންމުމެއްގެ ގޮތުގައި ނުފެނުނު ނަމަވެސް މިއީ އޭނާ ދެކޭގޮތުގައި މިކަންކުރަން އެންމެ އެކަށީގެންވާ ވަގުތުކަމަށެވެ.
“ރެއާލް މެޑްރިޑަކީ އަބަދުވެސް ކާމިޔާބީ ބޭނުންވާ ޓީމެއް. އަބަދުވެސް މޮޅުވާން ޖެހޭ ޓީމެއް. އަހަންނަކަށް ދެން ނުކެރޭނެ މިކުޅުންތެރިން ކައިރިން އިތުރު މަސައްކަތްތަކެއް އަހަންނަށް ކޮށްދޭން ބުނާކަށް. އެހެންނަމަވެސް މިއީ އެހެން މީހެއްގެ އަޑު ކުޅުންތެރިންނަށް އިވެންވީ ވަގުތު. އެހެންމީހެއް އިތުރު ކާމިޔާބީއެއް ހޯދުމަށްޓަކައި ކުޅުންތެރިންނަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ގޮވާލަންވީ ވަގުތު. ޓީމުގެ ހުރިހާ ކުޅުންތެރިންނަށްވެސް އިނގޭނެ އަހަރެންގެ ނިންމުން. ޓީމުގެ ކެޕްޓަން ރާމޯސް އާއި ވާހަކަދައްކާ ހުރިހާ އެއްޗެއް ބުނެދިނިން.” ޒިދާން ބުންޏެވެ.
ޒިދާން އާއި އެކު ޕްރެސް ކޮންފަރެންސްގައި ރެއާލް މެޑްރިޑްގެ ރައީސް ފްލެރިންޓީނޯ ޕްރޭޒް ބައިވެރިވިއެވެ. ރެއާލްގައި ކުޅުންތެރިއެއްގެ ގޮތުގައި އާއި ކޯޗެއްގެ ގޮތުގައިވެސް ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ޒިދާންގެ ނިންމުމާ ބެހޭގޮތުން ޕެރޭޒް ބުނީ މިއީ އޭނާ ބޭނުންވި ގޮތް ނޫންކަމަށެވެ. އެހެންނަމަވެސް ޒިދާންގެ ނިންމުމަށް އިޚުތިރާމް ކުރަން ޖެހޭ ކަމަށެވެ.
ޒިދާން ބުނީ އޭނާ މިވަގުތު އިތުރު ކްލަބަކަށް ކޯޗު ކޮށްދޭން ބޫންނުވާ ކަމަށާއި، ރެއާލްގެ ކޯޗުގެ މަޤާމުން އިސްތިއުފާދިނީ އިތުރު އޮފާއެއް ލިބިގެން ނޫންކަމަށެވެ.
ރެއާލްގެ ބީ ޓީމަށް ކޯޗުކޮށްދުމުންދިޔަ ޒިދާން ރެއާލްގެ ކޯޗު ކަމާ ހަވާލުވީ ޖެނުއަރީ 2016 ގައި އޭރު ހުރި ކޯޗު ރަފަ ބެނިތޭޒް މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ. ޒިދާންގެ ފުރަތަމަ ސީޒަންގައި ރެއާލްއަށް ލީގު ނުލިބުނު ނަމަވެސް އޭނާ ވަނީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ޖެހިގެން އައި އަހަރު ޒިދާން ވަނީ ރެއާލްއަށް ޗެމްޕިއަންސް ލީގުގެ އިތުރުން ލަލީގާވެސް ހޯދާދީފައެވެ. އަދި ނިމިގެންދިޔަ ސީޒަންގައި ޗެމްޕިއަންސް ލީގު ހޯދައިދީ ޒިދާން ވަނީ ޔޫރަޕްގެ އެންމެ ކާމިޔާބު ކޯޗުންގެ ލިސްޓުން ޖާގަ ހޯދާފައެވެ.
ޒިދާން މަޤާމުން އިސްތިއުފާދިންއިރު، އޭނާ ރެއާލް އާއި އެކު އެންމެ ފަހުން ސޮއިކުރި އެއްބަސްވުން ބުނާގޮތުން ރެއާލްގައި ޒިދާން 2020 ވަނަ އަހަރާއި ހަމައަށް މަޑުކުރަންޖެހެއެވެ.
ރިޕޯޓުތައް ބުނާގޮތުން ޒިދާން އިސްތިއުފާ ދިނުމާއެކު މިޤާމަށް ދެން ގެންނާނެ ކަމަށް ބެލޭވެ ކޯޗުންގެ ލިސްޓުގައި މިހާރު ތިބީ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އާއި އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާއެވެ.