ގައިދީން ޕްރޮމޯޓް ކުރާނަމަ ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އަނެއްކާވެސް ހޯމް މިނިސްޓްރީން ދީފިއެވެ.
ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޝަރުއީ ހުކުމެއް ތަންފީޒްކުރާ ފަރާތްތަކާ ހަވާލާދީ އެއްވެސް ވާހަކައެއް ޝާއިއުކޮށް އާންމު ކުރަން ޖެހޭނީ އެކަމާ ގުޅޭގޮތުން ހަދާފައިވާ ގާނޫނުތަކާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ. އަދި އެނޫން ގޮތްގޮތަށް އެކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަން މީގެ ކުރިން ވެސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.
މިހާރަކަށް އައިސް ސިޔާސީ ޕާޓީތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކާއި އެކި އެކި އަމިއްލަ މީޑިއާތަކުން ގައިދީން ޕްރޮމޯޓްކޮށް އެފަދަ މީހުން ކުރިއަށްނެރެ ޝަހުސު ގެއްލޭގޮތަށް މައުލޫމާތު ގެނެސްދޭ ކަމަށާއި އެއީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދު ތަކާ ހިލާފު ކަމެއްކަމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެހެންކަމުން ހުކުމް ތަންފީޒުކުރާ ގައިދީންނާ ބެހޭ ހަބަރާއި މައުލޫމާތު ގެނެސްދީ ޕްރޮމޯޓްކުރާ ފަރާތްތަކާއި މީޑިއާތަކުން ޒިންމާވާންޖެހޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ހޯމް މިނިސްޓްރީން މިގޮތަށް ބުނެފައިވާއިރު، 13 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އެމަނިކުފާނުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ފައްޓަވާފައެވެ. އެމަނިކުފާނުގެ ކެމްޕޭން ހަރަކާތްތަކުގެ މައުލޫމާތު ހުރިހާ މީޑިއާތަކުންވެސް ގެނެސްދެއެވެ.