އިންފުލެންއެންޒާއަކީ އިންފުލެއެންޒާ ވައިރަސްއަކުން ނޭވާލާ ނިޒާމަށްޖެހޭ އަރިފުސް ރޯގާފަދަ ބައްޔެކެވެ. މިބަލީގެ އަލާމާތްތަކަކީ ހުންއައުމާ ، ކެއްސުމާއި ކަރުގައި ރިއްސުން ، ބޮލާއި ގައިގައި ރިއްސުންފަދަ އާއްމު ހުމުގެ އަލާމާތްތައް ކަމަށްވާއިރު އެކަށީގެންވާ ފަރުވާ ނުދެވިއްޖެނަމަ މިބަލީގެ ސަބަބުން ފުރާނައަށް ނުރައްވާވާފަދަ ހާލަތްތައް މެދުވެރިވެއެވެ.
އިންފުލެއެންޒާ އާއްމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހަކު ކެއްސާ ކިބިހި އަޅާއިރު ވައިގެތެރެއަށްދާ އިންފުލެއެންޒާ ޖަރާސީމު އެކުލެވޭ ކުޅު އެހެންމީހެއްގެ ނޭވާލާ ނިޒާމަށް ދިއުމުންނެވެ.
މިބަލި އިތުރަށް ފެތުރުމަށް ފުރުސަތު އޮންނަނީ ބަލިޖެހޭ ދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތަށެވެ. މީގެ އިތުރުން ޖަރާސީމު އެކުލެވިފައިވާ ނުވަތަ ހަރުލާފައިވާ ތަނުގައި ނޭގި ނަމަވެސް އަތްލުމަށްފަހު ނޭފަތުގައި އަތްލުމުންވެސް ޖަރާސީމު ހަށިގަޑަށް އެތެރެވުމުގެ ފުރުސަތު ބޮޑުވެއެވެ.
މިބަލީގެ ސަބަބުން ކުޑަކުދީނާއި މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ފުއްޕާމޭގެ ބަލިތައްފަދަ ސިއްހީ ބޮޑެތި މައްސަލަތައް ހުންނަ މީހުންނަށް މިރޯގާގެ ސަބަބުން ނުރައްވާވުމުގެ ފުރުސަތު ބޮޑުވެއެވެ. އެހެންކަމުން ކޮންމެ މީހަކުވެސް މިބަލިން ރައްކާތެރިވުމަށް އަމިއްލަ ފަރުދީ ޒިންމާ އަދާކުރުން މުހިއްމެވެ.
މިގޮތުން ސައިބޯނި ލައިގެން އަތްދޮވުމާއި ކެއްސާ ކިބިހިއަޅާއިރު މާސްކާ ޓިޝޫފަދަ ތަކެތި ބޭނުންކުރުމުގެ އިތުރުން އިންފުލެއެންޒާ ވެކްސިން ދުރާލާ ޖެހުމަކީވެސް މިބަލިން ރައްވާތެރިވުމަށް އަދާ ކުރެވިދާނެ މުހިއްމު ކަންތައްތަކެކެވެ.
މީގެ އިތުރުން އިންފުލެއެންޒާ ނުވަތަ އެހެންވެސް ހުމެއް އަދި ރޯގާއެއް ޖެހިއްޖެކަމަށް ޝައްކުވާނަމަ ގިނަ މީހުން އެއްވާތަންތަނަށް ދިއުމާ ބޭރަށް ދިއުން މަދުކޮށް ހުމާ ރޯގާ ރަގަޅު ނުވެ 3 ދުވަހަށްވުރެ ގިނަވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ ތިމާއާއި މުޅި މުޖްތައު ދުޅަހެއުކަންމަތީ ދެމެހެއްޓުމަށް ކުރެވިދާނެ މުހިއްމު ކަންތައްތަކެކެވެ.