އައްޑޫ ސިޓީގައި ވަކި ދަޢުލަތެއް ޤާއިމްކުރަން އެސިޓީގެ ބައެއް ކައުންސިލް މެމްބަރުންނާ އެމްޑީޕީގެ އިސް ބޭފުޅުންނާއެކު ކުރީގެ ރައީސް ނަޝީދު ކުރެއްވި މަޝްވަރާގެ އޯޑިއޯއެއް މިހަފްތާގެ ތެރޭގައި މިވަނީ ލީކުވެފައެވެ.
މިމައްސަލައިގައި އާންމުންގެ ގިނަ ފާޑުކިޔުންތަކެއް ނަޝީދަށް އަމާޒުވެފައިވާއި މިކަމާ ގުޅޭގޮތުން ނަޝީދު އެއްވެސް އެއްޗެއް މިހާތަނަށް ވިދާޅުވެފައެއް ނުވެއެވެ.
އެހެންނަމަވެސް މިއޯޑިއޯއަކީ ސައްޙަ އޯޑިއޯއެއްކަން އެމަޝްވަރާގައި ބައިވެރިވި މީދޫ ކައުންސިލަރު ހުސެއިން ހިޔާޒް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ލީކުވެފައިވާ ނަޝީދުގެ އޯޑިއޯގައި ވިދާޅުވެފައިވަނީ ބްރިޓިޝް ވާޖިން އައިލެންޑް މިސާލަކަށް ނަންގަވައިގެން އައްޑޫ ސިޓީ ގައި ވެސް ވަކި ދައުލަތެއް ގާއިމު ކުރެވިދާނެ ކަމަށެވެ. އަދި ހަތިޔާރު އެތެރެކޮށް އަސްކަރިއްޔާއެއް ޤާއިމްކުރެވިއްޖެނަމަ އައްޑޫގައި ވަކި ދަޢުލަތެއް ޤާއިމްކުރެވިދާނެކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.