އައްޑޫސިޓީ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ޝަރަފުއްދީން ސްކޫލް ހޯދައިފިއެވެ.
ޝަރަފުއްދީން ސްކޫލް ޗެމްޕިއަންކަން ހޯދީ އަތޮޅުމަދަރުސާގެ ޓީމާ ބައްދަލުކޮށް 2 ލަނޑު 1 ލަނޑުން މޮޅުވެގެންނެވެ.
އާދީއްތަ ދުވަހު ހަވީރު ހިތަދޫ ސްޓޭޑިއަމްގައި ކުޅެވުނު ފައިނަލްމެޗްގައި ޝަރަފުއްދީން ސްކޫލަށް މެޗްގެ 9 ވަނަ މިނިޓްގައި ލީޑު ހޯދާދިނީ އެޓީމު ހުސެން ނާއިންއެވެ.
އަތޮޅުމަދަރުސާގެ ޓީމަށް ނަތީޖާ ހަމަހަމަކޮށް ދިން ލަނޑު 34 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ސަހާފެވެ.
މިމެޗްގެ ފުރަތަމަ ހާފް ނިމިގެންގޮސްފައިވަނީ 1 ލަނޑު 1 ލަނޑުން ދެޓީމް އެއްވަރުވެގެންނެވެ.
ދެވަނަ ހާފްގެ ކުޅުން ފަށައިގެން އަތޮޅުމަދަރުސާގެ ޓީމަށް ޝަފަފުއްދީން ސްކޫލްޓީމްގެ ޕެނަލްޓީއޭރިޔާގެ ބޭރުން ލިބުނު ހިލޭ ޖެހުކަމަކުން އެޓީމުގެ ރަޔަން ލަނޑެއް ޖެހިނަމަވެސް އެލަނޑަކީ ލަނޑެއް ނޫންކަމަށް ރެފްރީ ނިންމި އެވެ.
ރަޔަން ހިލޭ ޖެހުމުން ފޮނުވާލި މިބޯޅަ ޝަރަފުއްދީން ގޯލްތެރެއަށް ވަދެފައިވަނީ ގޯލްއެރިއާގެ ތެރޭގެ ބިންމަތީގައި ޖެހި ގޯލްކީޕަރު އަތުގައިޖެހިފައެވެ. މިބޯޅަ ގޯލަށް ވަނުމުގައި އެޓީމުގެ އެެހެން އެއްވެސް ކުޅުންތެރިއެއްގެ އެހީތެރިކަން ލިބިފައިނުވާއިރު ރެފްރީ އެއީ އޮފްސައިޑް ލަނޑެއްކަމަށް ނިންމި ނަމަވެސް އެއީ އޮފްސައިޑްވާނެ ލަނޑެއް ނޫންކަމަށް ބުނެ އަތޮޅުމަދަރުސާގެ ކުޅުންތެރީންނާއި އޮފިޝަލުންވެސް މައްސަލަ ޖައްސާފައިވެއެވެ.
” ރެފްރީންގެ ފަރާތުން އިންސާފުވެރި ނިންމުން ތަކެއް ފެންނާން އެބަޖެހޭ އެހެން ނޫނީ ކިހިނެއް ދާދި އެއްވަރުގެ ޓީމްތައް މިހެން ކުޅޭއިރު ކާމިޔާބު ހޯދާނީ ” އަތޮޅުމަދަރުސާޓީމްގެ އޮފިޝަލަކު ވީއޯއެމްއަށް މައުލޫމާތު ދެއްވަމުން ބުނެފައިވެއެވެ.
ދެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައ ކުޅެވުނު ފޯރިގަދަ މިމެޗުން ޝަރަފުއްދީން ސްކޫލް މޮޅުކޮށްދިން ލަނޑު 59 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީފައވަނީ އަހުމަދު ޔުސްރެވެ.
ފައިނަލްމެޗްގެ ކުޅުން ނިމުމުން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުނެވެ.
މިމުބާރާތުގެ އެންމެ މޮޅު ދިހަކުޅުންތެރީންގެ ތެރޭގައި އަތޮޅުމަދަރުސާގެ 4 ކުޅުންތެރިއަކު ހިމެނިފައިވެއެވެ. އެއީ ހަސަން ސަފާހު، މުހައްމަދު ޒާލިފް ޒާހިރު، އަހުމަދު ހިޔާމް ޝާކިރު އަދި މުހައްމަދު ރަޔާން މުސްއަދު މަންސޫރު، އެވެ.
މީގެ އިތުރަށް މިމުބާރާތުގެ އެންމެ މޮޅު ދިހަކުޅުންތެރީންގެ ތެރޭގައި ހިމެނިފައިވަނީ ހިތަދޫ ސްކޫލްގެ އީމާން ނަޒިރު، ޝާޝް ޝަރީފް، އައިމަން ނަޒީރު، އިރުޝާދިއްޔާ ސްކޫލްގެ އިސްމާއިލް ސިއަން ފަތުހީ، ފޭދޫ ސްކޫލްގެ އަހްމަދު ޒައުލް ނާޒިމް، ޝަރަފުއްދީން ސްކޫލްގެ އަހްމަދު ޔުސްރު، އަދި މުހައްމަދު ޒަކުވާން ޝާކިރެވެ.
މިމުބާރާތުގެ 16 އަހަރުން ދަށުގެ އެންމެ ގިނަ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށާ ފެއާ ޕްލޭ ކުޅުންތެރިޔާއަށް ހޮވިފައިވަނީވެސް އަތޮޅުމަދަރުސާގެ ހަސަން ސަފާހެވެ.