އައްޑޫ ސިޓީ ހިތަދޫގައި މިދިޔަ ހޮނިހިރުދުވަހު މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ ދެ ކުދިން ހޯދުމަށް ޑައިވިން ރޮބަޓެއް ބޭނުންކޮށްފި އެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު އިބްރާޙިމް އާޒިމް ވިދާޅުވީ ޑައިވިން ރޮބަޓް ބޭނުންކޮށްގެން އެ ކުދިން ގެއްލުނު ސަރަހައްދުގެ ކަނޑު އަޑި ބަލާފައިވާ ކަމަށެވެ. އަދި ވައިގެ މަގުން ހެލިކޮޕްޓަރު ބޭނުންކޮށްގެން އޮއިހުރި ގޮތަށް ބަލައި، ކޯސްޓްގާޑުގެ ޑައިވަރުން މޫދުގެ އަޑި ބަލައިފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
އެމްއެންޑީއެފުން ބުނީ އެ ދެ ކުދިން ހޯދުމަށް ސިފައިންގެ ހުރިހާ ވަސީލަތެއް ބޭނުން ކުރާނެ ކަމަށާއި އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ.
މިހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ އަލީ ފަހުމީ އާއި މަޔާމީން އަލީ އެވެ. އޭގެ ތެރެއިން ފަހުމީގެ ސޯޓު ވަނީ ފުއްޓަރު ފަރާތަށް ލައްގާފައި އޮއްވަ ފުލުހުންނަށް ފެނިފައި އެވެ. އަދި އެއީ ފަހުމީގެ ސޯޓުކަން އާއިލާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.
މި ހާދިސާގައި ގެއްލުނު ދެ ކުދިންނާ އެކު މޫދަށް އެރި އުޅުނު އަލީ ރާއިފް ވަނީ ސަލާމަތް ކުރެވިފަ އެވެ. އެ ތިން ކުދިން މޫދަށް އެރުނީ އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާއަށެވެ.