އިނގިރޭސި އެފްއޭކަޕްގެ ފައިނަލަށް މެންޗެސްޓަރ ޔުނައިޓެޑް ދަތުރުކޮށްފި

އިގިރޭސި އެފްއޭކަޕް ފައިނަލަށް މެންޗެސްޓަރ ޔުނައިޓެޑް ދަތުރުކޮށްފިއެވެ

އެފްއޭކަޕް ފައިނަލަށް މެންޗެސްޓަރ ދަތުރުކުރީ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ސެމީފައިނަލްމެޗްގައި ޓޮޓެންހަމް އިން ލަނޑެއް ޖަހާ ލީޑު ހޯދާފައިވަނިކޮށް ފަހަތުން އަރާ ދެލަނޑު ޖަހައިގެން 2 ލަނޑު 1 ލަނޑުން ޓޮޓެމްހަމް ބަލިކުރުމަށްފަހުގައެވެ.

ޓޮޓެމްހަމްއާއި މެންޗެސްޓަރ ރޭ ބައްދަލުކޮށް ކުޅުނު މެޗްގެ 11 ވަނަ މިނިޓްގައި ޓޮޓެމްހަމްގެ ޑެލެއަލީ ލަނޑެއް ޖަހާފައިވަނިކޮށް މެންޗެސްޓަރއިން ނަތީޖާ ހަމަހަމަކުރި ލަނޑު 24 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ސަންޗޭޒްއެވެ. މިމެޗުން މެންޗެސްޓަރ މޮޅުވި ލަނޑު ލުކާކޫ ތަނަވަސްކޮށްދިން ފުރުސަތަކުން 62 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީފައިވަނީ ހެރޭރާއެވެ.

މިއީ މިމުބާރާތުގެ ފައިނަލަށް ޔުނައިޓެޑް ދަތުރުކުރި 20 ވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ޔުނައިޓެޑުން ވަނީ 12 ފަހަރެއްގެ މަތިން މި މުބާރާތް ކާމިޔާބުކޮށްފައެވެ.

ފައިނަލްގައި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރާނެ ޓީމެއް އެގޭނީ މާދަމާ ރޭ ޗެލްސީ އާއި ސައުތްހެމްޓަން ބައްދަލުކުރާ މެޗަށް ފަހުގައެވެ.

 

Next: ޝަހުދާން ކަޓައި، މުބާރާތުގެ ގަދަ ފަސް ބައިވެރިން ކަށަވަރުވެއްޖެ