ގަދަ ހަތަކަށް ނުހޮވި ކެޓީ މުނާޒް

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގަދަ ހަތަކަށް ނުހޮވި މުނާޒް މި މުބާރާތުން ކަޓައިފިއެވެ.

އައިޑަލް ސީޒަން ތިނެއްގެ ގަދަ 7 އިޢުލާންކޮށްފައިވަނީ މިރޭ ބޭއްވި ގާލާ ރައުންޑުގެ 4 ވަނަ އެލިމިނޭޝަން ނައިޓުގައެވެ.

އައިޑަލްގެ ކުރިއަށް އޮތް ރައުންޑަށް ދަތުރުކުރި ބައިވެރިން ކަނޑައަޅާފައިވަނީ ޖަޖުންގެ 50 އިންސައްތަ މާކްސް އަދި ބެލުންތެރިންގެ 50 އިންސައްތަ ވޯޓު އެއްކޮށްލުމުން ބައިވެރިންނަށް ލިބުނު ޕޮއިންޓްތަކުގެ ތަރުތީބުންނެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގާލާ ރައުންޑުގެ 4 ވަނަ ޝޯވ “ޖަޖަސް ޗޮއިސް” މި ތީމަށް ޙާއްސަކޮށްގެން ރޭ ބޭއްވިފައިވާއިރު ، ރޭގެ ޝޯވ  ބޭއްވިފައިވަނީ  4 ޖަޖުންގެ މެދުގައި ގުރުއަތުލައި، ކޮންމެ ޖަޖަކުވެސް  ގަދަ 8 ބައިވެރިންގެ ތެރެއިން 2 ބައިވެރިއަކު ތަމްރީންކުރާގޮތަށެވެ.

އެގޮތުން ރައިހާން އަދި ޝަހުދާން އުނޫޝާ ތަމްރީންކޮށްދީފައިވާއިރު، ނައުޝާދު އަދި ސައިނާ ތަމްރީންކޮށްފައިވަނީ އައްފާނެވެ. އައްމަޑޭ ތަމްރީންކޮށްފައިވަނީ އަޒަލް އަދި ތަސްލީމެވެ. އަދި މުނާޒާއި މައީޝާ ތަމްރީންކޮށްފައިވަނީ މިއަހަރު މުޅިން އަލަށް ޖަޖިން ޕެނަލާއި ގުޅުނު ޒާރާއެވެ.

ގާލާ ރައުންޑުގެ 4 ވަނަ ޝޯވ ޖަޖުންގެ ހޮވުންތަކަށް  ޚާއްސަކުރެވުނުއިރު ، ބައިވެރިންގެ ފަރާތުން ތަފާތު ހުށައެޅުންތަކެއް ފެނިގެންގޮސްފައިވެއެވެ.

އައިޑަލްގެ މިފަހަރުގެ ގަދަ 7 މިހާރު ޔަޤީންވެފައިވާއިރު، މިރޭ އެލިމިނޭޝަން ނައިޓުގައިވެސް ބައިވެރިންގެ ފަރާތުން ރީތި ލަވަތަކެއް ވަނީ ފެނިގެންގޮސްފައެވެ.

މިރޭގެ ޝޯވ ޚާއްސަކޮށްފައިވަނީ “ފުޓްބޯލް ފީވަރ” މި ތީމަށެވެ. މިރޭގެ ޝޯވގައި ގެސްޓް ޖަޖެއްގެ ގޮތުގައި ބައިވެރިވެފައިވަނީ މިއުޒިކް އިންޑަސްޓްރީގައި 30 އަށްވުރެ ގިނަ އަހަރު ހަރަކާތްތެރިވެފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަބްދުއްރަޝީދު ޢަލީ (އަބްސީ)އެވެ.

Next: އައިޖީއެމްއެޗުން މިއަހަރު ތެރޭގައި ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ކުރަން ފަށަނީ