މާދަމާއިން ފެށިގެން ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކުރަން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ނިންމައިފިއެވެ.
ކާޑުގެ އަގު ހެޔޮކުރަން ނިންމިކަން އިއުލާންކުރީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރުއެވެ. ޝަހީރު ބުނީ އަގު ހެޔޮކުރަން ނިންމީ އިކޮނޮމިކް މިނިސްޓްރީން ކާޑުގެ އަގުތައް ހެޔޮކުރުމަށް ނިންމުމާ ގުޅިގެންކަމަށެވެ.
ޝަހީރު ވިދާޅުވީ ކާޑުގެ އަގު ކުޑަކުރީ 2016 ވަނަ އަހަރު ކާޑަށް ދެމުން އައި ސަބްސިޑީ ކުޑަކުރުމުގެ ކުރިން ހުރި އަގަށް ކަމަށެވެ.
ސަބްސިޑީ ކުޑަކުރުމާ ގުޅިގެން ކާޑުގެ އަގުތައް ހުރީ ހަކުރު ކިލޯއެއް 6.80 ރުފިޔާއަށް، ހަނޑޫ ކިލޯއެއް 6.76 ރުފިޔާޢަށް އަދި ފުށް ކިލޯއެއް 5.26 ރުފިޔާއަށެވެ.
އެހެން ނަމަވެސް ސަރުކާރުން އަގަށް މިއަދު ގެނައި ބަދަލާ އެކު، މާދަމާއިން ފެށިގެން ކާޑު ވިއްކާނީ ހަކުރު ކިލޯއެއް 4.00 ރުފިޔާއަށް، ހަނޑޫ ކިލޯޢެއް 3.98 ރުފިޔާއަށް އަދި ފުށް ކިލޯޢެއް 2.98 ރުފިޔާއަށެވެ.
އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވީ 16 އޮކްޓޫބަރު 2016 ގައި ކާޑުގެ އަގުތައް ބޮޑުކުރުމާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކެއްގެ ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުނު ކަމަށެވެ.
“މިއަދު އަގުތައް ހަމަޖެހިގެން ދިޔައީ އާންމު ރައްޔިތުންގެ ގިނަ ކޮންސާންތަކެއް ހުރީތީ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އެކަމާ ވިސްނަވައި، ރައީސް އޮފީހުން ނިންމި އަގުތަކަކަށް،” ޝަހީރު ވިދާޅުވިއެވެ.
ޝަހީރު ވިދާޅުވީ ކާޑުގެ ސަބްސިޑީގެ ގޮތުގައި ސަރުކާރުން ކޮންމެ ދުވަހަކުވެސް ގާތްގަނޑަކަށް 850،000 ރުފިޔާ ޚަރަދުކުރާ ކަމަށެވެ.
އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ޝަހީރު ވިދާޅުވީ މިއަދު ކާޑުގެ އަގަށް ގެނައި ބަދަލުތަކުގައި ކުރިއަށް އޮތް ތަނުގައިވެސް ހިފެހެއްޓޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.