ޔުވެންޓަސް ބަލިކޮށް ރެއާލް މެޑްރިޑް ސެމީއާ ގާތަށް

ޔުވެންޓަސްގެ މައްޗަށް 3 ލަނޑު 0 ލަނޑުން ކުރި ހޯދާއިގެން ޗެމްޕިއަންސްލީގުގެ ސެމީ ފައިނަލާ ގާތަށް ރެއާލް މެޑްރިޑް ޖެހިލައިފިއެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ތިންވަނަ މިނެޓްގައި ރެއާލްމެޑްރިޑްގެ ރޮނާލްޑޯވަނީ ވަނީ ލަނޑެއްޖަހާ މެޗްގެ ލީޑު ހޯދާފައެވެ.

ރެއާލްގެ މި ގޯލަށްފަހު ޔުވެންޓަސް އިން ވަނީ ކުޅުން ރަނގަޅުކޮށް ރެއާލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ހިގުއައިން ފޮނުވާލި ހަމަލާ ރެއާލްގެ ކީޕަރު ނަވާސް ހުޝިޔާރުކަމާ އެކު ދިފާއުކުރިއިރު ޑިބާލާ އާއި ކިއެލީނީ އަށް ވެސް ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ.

1 ލަނޑު 0 ލަނޑުގެ ލީޑަކާއެކު ފުރަތަމަ ހާފް ރެއާލްމެޑްރިޑުން ނިންމާލިއިރު  މެޗުގެ ދެވަނަ ހާފްގެ ކުޅުން ފެށިގެން  64 ވަނަ މިނެޓްގައި ރެއާލްމެޑްރިޑްގެ ދެވަނަ ގޯލްވެސް ކާމިޔާބުކޮށްދީފައވަނީ ރޮނާލްޑޯއެވެ.

ރެއާލްމެޑްރިޑުން 2 ލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް މެޗްގެ 66 ވަނަ މިނިޓްގައި ރެފްރީ ވަނީ ޔުވެންޓަސްގެ ފޯވާޑް ޕައުލޯ ޑިބާލާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. ޑިބާލާ އަށް ދެވަނަ ރީނދޫ ކާޑެއް ދެއްކީ ރެއާލްގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

10  ކުޅުންތެރިންނާ އެކު މެޗުގެ ބާކީބައި ޔުވެންޓަސް އިން ފުރިހަމަ ކުރަން ޖެހުނުއިރު މިމެޗްގައި ރެއާލްމެޑްރިޑުން ކާމިޔާބުކުރި 3 ވަނަ ލަނޑު  72 ވަނަ މިނެޓްގައި  ކާމިޔާބުކޮށްދީފައިވަނީ މާސެލޯއެވެ.

މިމެޗުން މޮޅުވެ ޗެމްޕިއަންސްލީގުގެ ސެމީފައިނަލަށް ދިއުމުގެ ފުރުސަތު  ރެއާލްމެޑްރިޑަށް ތަނަވަސް ވެފައިވާއިރު  މި މުބާރާތުގެ ޗެމްޕިއަންކަން ވޭތުވެދިޔަ ދެ އަހަރުވެސް ހޯދާފައިވަނީ ރެއާލްމެޑްރިޑެވެ.

 

Next: ޕެނަލްޓީ ޖަހައިގެން ފޭދޫ ބަލިކޮށް އައްޑުއަތޮޅުގެ ޗެމްޕިއަންކަން ހިތަދޫޓީމް ހޯދައިފި