އޭއެފްސީ ކަޕުގައި މާދަމާ ދިވެހި ރާއްޖެ އަމިއްލަ ދަނޑުގައި ބޫޓާނާ ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ޕްރެސްއަށް ހާޒިރުނުވުމުން ދިވެހި ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ޓީމުން ބާކީކޮށްފިއެވެ.
އޭއެފްސީގެ ގަވައިދުތައް ބުނާ ގޮތުގައި މެޗުގެ ކުރިން ބާއްވާ ޕްރެސް ކޮންފަރެންސްގައި ކޮންމެ ޓީމެއްގެ ކޯޗުގެ އިތުރުން ކޮންމެ ވެސް ކުޅުންތެރިއަކު ބައިވެރިވާން ޖެހެއެވެ. މިއަދުގެ ޕްރެސްގައި ދަގަނޑޭ ބައިވެރިނުވުމާއެކު އޭނާ ނެތްތަން ފޫބެއްދީ އައްސަދު އަލީ (އަޑުބަރޭ) އެވެ.
ޓީމާ ހަވާލުވުމަށްފަހު ދިން ފުރަތަމަ އިންޓަވިއުގައި އަލީ އަޝްފާގަށް ތައުރީފު ބަންޑުންކޮށްލި ދިވެހި ޓީމުގެ އާކޯޗު ސެގަޓް މިއަދުގެ ޕްރެސްގައި ބުނެފައިވަނީ ދަގަނޑޭގެ ވިސްނުމުގެ މައްސަލައެއް އުޅޭ ކަމަށެވެ.
“ދަގަނޑޭގެ ވިސްނުމުގެ މައްސަލައެއް އުޅޭ އެހެންކަމުން އޭނާ މާދަމާގެ މެޗްގައި ކުޅޭނެ ތޯ ޖެހޭނީ ބަލަން.” ސެގަޓް ބުނެފައިވެއެވެ.
މާދަމާ ރޭ ބޫޓާނާއި ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުން އަޝްފާގު ވަކިކުރިއިރު ޓީމުން އަލަށް ދެ ކުޅުންތެރިއަކަށް ވަނީ ފުރުސަތު ދީފައެވެ. އެއީ ޒުވާން ފޯވާޑް ހަސަން ނާއިޒު (ދާދު) ގެ އިތުރުން ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އެވެ. އަނިޔާގެ ސަބަބުން ގައުމީ ޓީމު އެންމެފަހަކަށް ސިންގަޕޫރާ ބައްދަލު ކުރި މެޗުގެ ސްކޮޑުން ވެސް ދަގަނޑޭގެ ނަން ވަނީ އުނިކޮށްފައެވެ.