މިދިޔަ އަހަރުގެ ޗެމްޕިއަންސްލީގު ފައިނަލްގައި ކުޅުނު ދެޓީމް މިފަހަރު ކްއާޓަރ ފައިނަލްގައި ވާދަކުރަން ޖެހިއްޖެއެވެ.
ދާދި ދެންމެއަކު ކްއާޓަރ ފައިނަލްގައި ވާދަކުރާނެ ޓީމްތައް ކަނޑައެޅުމަށް ނެގި ގުރުއަތުލުމުގައި ޗެމްޕިއަން ރެއާލް މެޑްރިޑް ވާދަކުރަން ޖެހުނީ މިދިޔަ ސީޒަންގެ ފައިނަލްގައި އެޓީމް އަތުން ބަލިވި އިޓަލީގެ ޔުވެންޓަސްއެވެ. އެންމެ ފަހުގެ ފައިނަލް މެޗު ރެއާލްމެޑްރިޑް ކާމިޔާބުކުރީ 4-1 ނެވެ.
ކްއާޓަރ ފައިނަލްގައި ސްޕެއިންގެ ވަރުގަދަ ބާރު ބާސެލޯނާ ވާދަކުރަން ޖެހޭނީ އިޓަލީގެ ރޯމާއާއެވެ. އެންމެ ގިނަ ބަޔަކު ބުރަވަމުންދަނީ މިސީޒަންގެ ޗެމްޕިއަންސްލީގު ކާމިޔާބުކުރާނީ ސްޕެއިން ލީގު ކަށަވަރުކުރުމާ ގާތުގައި އޮތް ބާސާކަމަށެވެ.
އިނގިރޭސި ޕްރިމިއަރ ލީގު ކަށަވަރުކުރުމާ ގާތުގައި އޮތް މެންޗެސްޓަރ ސިޓީ ކްއާޓަރ ފައިނަލްގައި ވާދަކުރަން ޖެހޭނީ ލިވަޕޫލާއެވެ. ލިވަޕޫލަކީ ރަނގަޅު ފޯމެއްގައި އޮތް ސިޓީ ޕްރިމިއަރ ލީގުގައި ބަލިކުރި ހަމައެކަނި ޓީމެވެ.
ޖަރުމަނުގެ ޗެމްޕިއަން ބަޔާންމިޔުނިކް ކްއާޓަރ ފައިނަލްގައި ވާދަކުރަން ޖެހޭނީ ސްޕެއިންގެ ސެވިއްޔާއާއެވެ.
ކްއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ އޭޕްރީލް މަހުގެ 3 އަދި 4 ގައެވެ. ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ އޭޕްރީލް 10 އަދި 11 ގައެވެ.