ގޮއިދޫ ސްކޫލް ޕްރިންސިޕަލް ކޯޗެއްގެ ގޮތުގައި އެސްކޫލަށް ވޮލީ ތަށި ހޯދައިދީފި

މައިލޯ އިންޓަރ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެންބައިގެ ޗެންޕިއަންކަން ގޮއިދޫ ސްކޫލް ހޯދައިފިއެވެ.

16 އަހަރުން ދަށުގެ އަންހެންބައިގެ ޗެންޕިއަންކަން ގޮއިދޫ ސްކޫލް ހޯދީ ކެޔޮދޫ ސްކޫލްއާއި ވާދަކޮށް ސީދާ ތިން ސެޓުން ފައިނަލް މެޗު ކާމިޔާބުކޮށްގެންނެވެ. އިންޓަރ ސްކޫލް ވޮލީ މުބާރާތުގައި އަލަށް ވާދަކުރި ކެޔޮދޫ ފައިނަލް މެޗުން ބަލިވީ 25-8، 25-7 އަދި 25-8 ނެވެ. މެޗްގައި މާރަނގަޅު ކުޅުމެއް ކެޔޮދޫ ސްކޫލްއަށް ދެއްކިފައިނުވާއިރު، ތިން ސެޓްގައިވެސް ކެޔޮދޫއިން ގިނަ ޕޮއިންޓް ހޯދާފައިވަނީ ސާވިސްކޮށްގެންނެވެ.

މެޗުގައި ތަފާތު ކުޅުމެއް ދެއްކި ގޮއިދޫ ޓީމްގެ ކުޅުންތެރިން ނެޓް މަތިން ޖެހި ބާރު ޝޮޓްތައް ރިސީވްކުރުމުގައި ކެޔޮދޫ ސުކޫލަށް ވަނީ ނާކާމިޔާބުވެފައެވެ. ގޮއިދޫ ސްކޫލަކީ މާލެއިން ބޭރުގެ ސްކޫލްތަކުގެ ތެރެއިން އެންމެ ގިނައިން އިންޓަރ ސްކޫލްގައި ބައިވެރިވާ ސްކޫލެވެ.

މެޗަށްފަހު ގޮއިދޫ ސްކޫލްގެ ކޯޗު އަދި ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ނިޒާމް ބުނީ ފައިނަލް މެޗާ ކުރިމަތިލީއިރުވެސް ޗެންޕިއަންކަން ލިބޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އޮތްކަމަށާއި، ގޮއިދޫ ޓީމްގެ ހުރިހާ ކުޅުންތެރިން ކުރި މަސައްކަތް މިއަދު ފެނިގެން ގޮސްފިކަމަށެވެ. އަދި މިއީ ހަމައެކަނި ކުޅުންތެރިން ކުރި މަސައްކަތް ނޫންކަމަށާއި، މިއީ މުޅި ގޮއިދޫގެ ރައްޔިތުންގެ ކުރި މަސައްކަތްކަމަށްވެސް ގޮއިދޫ ޓީމްގެ ކޯޗް މުހައްމަދު ނިޒާމް ބުންޏެވެ.

“މިއީ އަސްލުގައި ގޮއިދޫ ޓީމްގެ ހުރިހާ ރައްޔިތުންގެ މަސައްކަތް. ކޯޓް މަތީގައި ކުޅުންތެރިން މަސައްކަތް ކުރިނަމަވެސް، އެކުޅުންތެރިންގެ ފަހަތުގައި ވަރަށް ގިނަ ބައެއްގެ މަސައްކަތްވޭ. ވަރަށް އުފާވެއްޖެ މިއަދު ޗެންޕިއަންކަން ލިބުމުން. ގޮއިދޫގެ ތަފާތަކަށްވީ ނެޓްމަތިން ޝޮޓް ޖެހުން. ފައިނަލް މެޗްގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުން ވަރަށް ފާހަގަކޮށްލެވޭ.” ކޯޝު އަދި ޕްރިންސިޕަލް ބުންޏެވެ.

ކެޔޮދޫ ސްކޫލްގެ ކޯޗް އަދި ޤައުމީ ޓީމްގެ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ބުނީ ފައިނަލް މެޗުން ބަލިވިނަމަވެސް، ކުޅުންތެރިން ކުރި މަސައްކަތާއި މެދު ހިތްހަމަޖެހޭކަމަށެވެ. އަދި މިއީ ކެޔޮދޫ ސްކޫލް ޓީމެއް މިލެވެލްގައި ވާދަކުރި ފުރަތަމަ ފަހަރުކަމުން، ކުޅުންތެރިންވެސް ކުޑަކޮށް ޖެހިލުންވީކަމަށް އަހުމަދު އަބްދުލް ކަރީމް ބުންޏެވެ.

“ކެޔޮދޫ އަކީ މިލެވެލްގައި ވަރަށް އަދި އާ ޓީމެއް. ވަރަށް މަދު ފަރިތަކުރުންތަކެއް ކުރެވުނީވެސް. ކުރެވުނު ފަރިތަކުރުންތަކާ އަޅާބަލާއިރު ފައިނަލާ ހިސާބަށް އާދެވުމުންވެސް މިއީ ކާމިޔާބީއެއް. އަސްލުގައި ކުޅުންތެރިންވެސް އަދި އަލީ، ކޯޓްމަތީގައި ކުޅުންތެރިން އާވީމަ ތިބެނީ މާބިރުން. އަދި ނެޓް މަތިން ޝޮޓް ޖެހޭ ފެންވަރުގެ ކުޅުންތެރިއަކު ނެތީމަ، އެތަން ވަރަށް ބޮޑަށް ދެއްކި މެޗުގަ.” ލޯންގޭ ބުންޏެވެ.

ކެޔޮދޫ ކޯޗް އަހުމަދު އަބްދުލް ކަރީމް ބުނީ ކެޔޮދޫއަކީ ވޮލީގައި މުސްތަޤްބަލް އޮތް ޓީމްއެއްކަމަށާއި މިއަންނަ އަހަރު ކެޔޮދޫ ތަފާތުވާނެކަމަށެވެ.

މަސްދަރު: ޕީއެސްއެމް

Next: މިސްކިތްތަކުގެ މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމަށް ދިރާގާ ހަވާލުކޮށްފި