ޔޫރަޕިއަން ޔޫނިއަންއާއި އެމެރިކާ އަދި އިނގިރޭސިވިލާތަށް ވެސް މެމްބަރު ނިހާނު ގެ ވަރުގަދަ ސުވާލެއް އަމާޒު ވެއްޖެއެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން އެކި ގައުމުތަކާއި އދ. އާއި ޔޫރަޕިއަން ޔޫނިއަންގެ ފާޑު ކިޔުން ރާއްޖެއަށް އަމާޒުކުރަމުން ދާތީ، ސީރިއާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ ހަބަރެއްގެ ވީޑިއޯ ފޭސްބުކްގައި ޝެއާ ކުރުމަށް ފަހު ނިހާން ވަނީ އެމެރިކާ އާއި އިނގިރޭސިވިލާތާއި އީޔޫއަށް އެ މަންޒަރުތައް ނުފެންނަނީތޯ ސުވާލު ކުރައްވައިފައެވެ.
އަދި ރާއްޖޭގެ ހާލަތާ މެދު ދުނިޔޭގެ ބޮޑެތި ބާރުތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ފަލަސްތީނާއި ސީރިއާގައި ހިނގަމުންދާ ޖަރީމާތައް ކުށްވެރި ކުރަން ނުކެރިގެން އުޅެނީ ކީއްވެތޯވެސް ނިހާން ވަނީ ސުވާލުކުރައްވާފައެވެ.
ރައްޔިތުންގެ މަޖްލީހުގެ ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރ އަދި ވިލިމާލެ ދާއިރާގެ މެމަބެރު ނިހާނު މި ސުވާލުތައް އެ ޤައުމުތަކާއި އަދި ޖަމްޢިއްޔާތަކާއި ކޮށްފައިވަނީ އޭނާގެ ރަސްމީ ޓްވީޓަރ އެކައުންޓުންނެވެ.