އީޔޫ ކައުންސިލްއަށް ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ ގައިދީ މުހައްމަދު ނަޝީދުގެ ބައިނަލްއަގްވާމީ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ޖެރާޑް ޖެންސާރ އީޔޫއަށް ހުށަހެޅި ރިޕޯޓްގައި ރާއްޖޭގެ ރައްޔިތުން ސިފަކޮށްފައިވަނީ ނިކަމެތި ރައްޔިތުންގެ ގޮތުގައި ކަމަށް ދިވެހި ރާއްޖެއިން ވިލާތުގެ އިއްތިޙާދާށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު ޝިއާން ސިފަކުރައްވައިފިއެވެ.
އީޔޫގެ ކައުންސިލްއިން ރާއްޖެއާއި ގުޅޭގޮތުން ނެރުނު ބަޔާނާއި ގުޅިގެން ޗެނަލް 13 އަށް ދެއްވި ޙާއްސަ ބަސްދީގަތުމެއްގައި ދިވެހިރާއްޖެއިން ވިލާތުގެ އިއްތިޙާދަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު ޝިއާން ވިދާޅުވީ، ވިލާތުގެ އިއްތިހާދު ނުވަތަ އީޔޫގެ ކައުންސިލް އިން ބޭއްވި ބައްދަލުވުމަކީ ރާއްޖެއާއި ގުޅޭގޮތުން ބޭއްވި ބައްދަލުވުމެއް ނޫން ކަމަށާއި އެއީ މިއަހަރުގެ ފުރަތަމަ ކުއަޓާރގެ ފުރުތަމަ ބައްދަލުވުން ކަމަށެވެ. ޝިއާން ވިދާޅުވީ އީޔޫ ކައުންސިލްއިން އާއްމުކޮށް ދެމަހުން އެއް މަހު ބައްދަލުވުން ބާއްވާ ކަމަށެވެ.
ޝިއާން ވިދާޅުވީ މި ބައްދަލުވުމާ ގުޅުވާ އީޔޫއިން ނިންމެވީ ރާއްޖެއާއި ގުޅޭގޮތުން ބަޔާނެއް ނެރެން ކަމަށެވެ. ޝިއާން ވިދާޅުވިގޮތުގައި އީޔޫއިން ނެރުނު ބަޔާނަކީ ޖެރާޑް ޖެންސާރ އީޔޫއަށް ހުށަހެޅި ރިޕޯޓާއި ގުޅިގެން ނެރުނު ބަޔާނެއް ނޫން ކަަމަށެވެ.
ޝިއާން އިތުރަށް ވިދާޅުވީ ނަޝީދުގެ ބައިނަލްއަޤްވާމީ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ޖެރާޑް ޖެންސާރ ރާއްޖެއާއި ގުޅޭގޮތުން ލިޔެފައިވާ ރިޕޯޓްގައި ވާ ކަންކަމަށް ބަލާލުމުން ކޮންމެ ދިވެހި ރައްޔިތެއްގެވެސް ލޭ ހޫނު ވާނެ ކަަމަށެވެ. ޝިއާން ވިދާޅުވީ ޖެރާޑް ޖެންސާރ އީޔޫއަށް ހުށަހެޅި ރިޕޯޓްގައި ރާއްޖޭގެ ރައްޔިތުން ސިފަ ކޮށްފައިވަނީ ވަރަށް ނިކަމެތި، ފަގީރު ބައެއްގެ ގޮތުގައި ކަމަށެވެ.
ޝިއާން ވިދާޅުވީ މި ރިޕޯޓްގައި އިތުރަށް ނަޝީދުގެ ވަކީލް ވަނީ ރާއްޖޭގެ ރައްޔިތުންނާއި ސަރުކާރަކީ މީހުން މެރުމާއި މީހުން ވަގަށް ނެގުމަށް ލާމަސީލު ބައެއްގެ ގޮތުގައި ކަމަށެވެ. މީގެއިތުރުން ދިވެހިންނަކީ ބޭރު ގައުމުތަކަށް ޚާއްސަކޮށް ޔޫރަޕްގެ ގައުމުތަކަށް ގޮސް މީހުން މެރުމަށް ތައްޔާރުވަމުން ދާ ބައެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
ޝިއާން ވިދާޅުވި ގޮތުގައި ނަޝީދުގެ ވަކީލް ރާއްޖެ ނިކަމެތިކޮށް ލިޔެފަ ނުލިޔާނެ އެއްވެސް އެއްޗެއް މި ރިޕޯޓްގައި ނެތް ކަަމަށެވެ. “އެހާވެސް ނެގަޓިވް ކޮށް ރާއްޖެ ސިފަކޮށްފައިވޭ” ޝިއާން ވިދާޅުވިއެވެ. ޝިއާން ވިދާޅުވީ ޖެރާޑް ލިޔާ ކޮންމެ އެއްޗެއް އީޔޫއިންވެސް ބަލައި ނުގަންނާނެ ކަމަށާއި އީޔޫއަށް ރާއްޖޭގައި ހިނގާ ކަންކަމުގެ ތެދާއި ދޮގު އިނގޭނެ ކަމަށެވެ. ޝިއާން ވިދާޅުވީ މިއީ ދިވެހި ރައްޔިތުން ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނޫންކަމަށެވެ.