ބީއެމްއެލް ކިޑްސް ސޭވާ އެކައުންޓަށް އިތުރު ފައިދާ ދެނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކިޑްސް ސޭވާ އެކައުންޓުތަކުގެ ތެރެއިން ދިވެހި ރުފިޔާ އެކައުންޓްތަކަށް 3 ޕަސެންޓްގެ ފައިދާ އަދި ޔޫއެސް ޑޮލަރު އެކައުންޓްތަކަށް 3.5 ޕަސެންޓްގެ ފައިދާ ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.

ބީއެމްއެލްއިން ބުނީ އަލަށް ހުޅުވާ އެކައުންޓްތަކާއި މިހާރު ހުޅުވާފައިވާ ކިޑްސް ސޭވާ އެކައުންޓްތަކަށް ވެސް އަލަށް ކަނޑައެޅިފައިވާ އިންޓަރެސްޓް ރޭޓް އަދި ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވާ އެކައުންޓްތަކަށް ކަނޑައެޅިފައިވާ ރޭޓުން ފައިދާ ލިބޭނެ ކަމަށެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗާރޖް އޮފް ދަ ބޭންކް އައިޝަތު ނޫރައްދީން ވިދާޅުވީ ކިޑްސް ސޭވާ އެކައުންޓްތަކުގެ ރޭޓްތަކަށް ބަދަލު ގެނައީ މުސްތަގްބަލަށްޓަކައި ފައިސާ ރައްކާ ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ. އަދި ކުޑަކުދިންނަށް ފައިސާ ރައްކާ ކުރުމާއި ހަރަދު ކުރުމުގައި ގެންގުޅެންޖެހޭ މާލީ ހުނަރުތައް ދަސްކޮށްދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

“މިއަދުން ފެށިގެން އަލަށް ހުޅުވާ ކޮންމެ ކިޑްސް ސޭވާ އެކައުންޓަކާއެކު، ބެލެނިވެރިންނަށް ހިލޭ ރީލޯޑް ކުރެވޭ މާސްޓާކާޑް ޕްރީޕެއިޑް ކާޑަކަށް އެދި ހުށަހެޅޭނެ. މި ކާޑަށް ފައިސާ އަޅައި، ދުވަހުން ދުވަހަށް ކުރާ ހަރަދުތަކަށް މި ކާޑު ބޭނުން ކުރެވޭނެ. މިއީ ކުދިންނަށް ހަރަދު ބެލެހެއްޓުމާއި ވިސްނުންތެރިކަމާއެކު ހަރަދު ކުރުމުގެ އަސާސްތައް ދަސްކޮށްދިނުމަށް މަގުފަހިކޮށްދޭ ކަމެއް.” އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްއިން ވަނީ ކިޑްސް ސޭވާ އެކައުންޓުތަކަށް އަމާޒުކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފަ އެވެ.

މި ޕްރޮމޯޝަނުގައި ބޮޑު އިނާމެއްގެ ގޮތުގައި، ގުރުއަތުން ހޮވޭ 5 ފަރާތަކަށް 10،000ރ. ގެ އިނާމެއް ވަނީ ހުށަހަޅައިފަ އެވެ. އަދި އަހަރީ އިނާމެއްގެ ގޮތުގައި ކޮންމެ އަހަރަކު 20 އެކްޓިވް އެކައުންޓް ހޮވުމަށްފަހު ކޮންމެ އެކައުންޓަކަށް 2500ރ. ގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.