އަންނަ އޮކްޓޯބަރު މަހުން ފެށިގެން ވައިކަރަދޫ ދަނޑުބިންތަކުން ކުލި ނަގަނީ

ދަނޑުވެރިކަން ކުރުމަށް ހދ.ވައިކަރަދޫއިން ދޫކޮށްފައި ދަނޑުބިންތަކުން އަންނަ އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުލި ނަގަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

އެ ކައުންސިލުން ބުނީ ދަނޑުބިމަށް އެދިލެއްވި ހުރިހާފަރާތަކަށް ދަނޑުބިން ކަނޑައަޅާ މިހާރު ނިމިފައިވާ ކަމަށާއި، ވުމާއިއެކު އަންނަ އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުލީގެ ގޮތުގައި އަކަފޫޓަކަށް 02 ލާރީގެމަގުން ކުލި ހިނގަންފަށާނެ ކަމަށެވެ.

ވައިކަރަދޫ ދަނޑެއް

ދަނޑުބިންތަކުގެ ފޫޓްއަޅާއި އެއްބަސްވުން ހެދުމުގެ މަސައްކަތް އެ ރަށު ކައުންސިލުން މިހާރު އަންނަނީ ކުރަމުންނެވެ. ނަމަވެސް ބައެއް ދަނޑުބިންތަކުގެ ފޫޓް އެޅޭވަރަށް ދަނޑުގެ ވަށާއިގެންވާ އިމާއި މަގުފަޅި ސާފުކޮށްފައި ނުވާތީ، އެ ފަރާތްތަކުން ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ މަސައްކަތް ކޮށް ނިންމުމަށް އެ ކައުންސިލުން ވަނީ އަންގާފައެވެ.

ވައިކަރަދޫއިން ފަޅުގޮވާން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް، ވައިކަރަދޫއިން ބިން ދޫކުރުމަށް ހުޅުވާލައި، ބީލަން ހުށަހެޅުމުގެ ފުރުސަތު ވެސް އިއްޔެ އެ ކައުންސިލުން ވަނީ ހުޅުވާލާފައެވެ.

ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހުގެ 10:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވާން ޖެހެއެވެ. ބީލަމާއި ގުޅޭ މައުލޫމާތު ބައްދަލުވުން ބޭއްވުމަށް ތާވަލު ކޮށްފައި ވަނީ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހުގެ 10:00 ގައި ވައިކަރަދޫ ކައުންސިލް އިދާރާގައެވެ. ބީލަށް ހުށަހެޅުމާއި ހުޅުވުމަށް ބާއްވާ ބައްދަލުވުން ބާއްވަން ތާވަލު ކޮށްފައި ވަނީ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހުގެ 10:00 ގައި އެ ކައުންސިލް އިދާރާގައެވެ.

Next: ފެނަކަ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ހަދަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި