ޒަމާނީ ލިންކް ރޯޑަކާއެކު އައްޑޫ މަގުހެދުމުގެ ދެވަނަ ފިޔަަވައްސެއް އަންނާނެ: ވަޒީރު ޑރ. މުއްޠަލިބު

އައްޑޫ ސިޓީގެ ލިންކް ރޯޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއެކު، މަގު ހެދުމުގެ ދެވަނަ ފިޔަވައްސެއް ފެށުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހަންކެޑެ ބްރިޖް އިފްތިތާހުކުރުމަށް އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫޢަށް އަލިއަޅުއްވާލައްވާ ވަޒީރު ވިދާޅުވީ މަގު ހެދުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާކަމަށާއި، މިއަހަރުގެ ތެރޭގައި މުޅި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެކަމަށެވެ. މިހާރުވެސް ބޮޑު ބައެއް ނިމި މަގު ބައްތި ދިއްލުމުގެ އިތުރުން ބާކީ މަސައްކަތްވެސް އަވަހަށް ނިންމާލެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އިންޑިއަން އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢު މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. މި މަޝްރޫޢުގެ ދަށުން 100 ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މަގުތައް ހެދުމުގެ އިތުރުން، ފެން ހިންދާ ނިޒާމު ޤާއިމްކޮށް މަގު ބައްތި ޖަހައި ކެމެރާ ސީސީޓީވީ ނެޓްވޯކަކުން ގުޅާލުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ވަޒީރު ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ އައްޑޫގެ މަގުހެދުމުގެ ފޭސް ޓޫ ނުވަތަ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންދިއުމަށްކަމަށެވެ. ޚާއްސަކޮށް އައްޑޫ ލިންކް ރޯޑުގެ މަސައްކަތަށް އިސްކަން ދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ފޭދޫން ފެށިގެން ހިތަދުއާ ހަމައަށް އޮންނަ އައްޑޫ ލިންކް ރޯޑަކީ 2003 ވަނަ އަހަރު ބޭނުން ކުރަން ފެށި މަގެކެވެ.

“ފޭސް ޓޫއެއް އަންނަން ޖެހޭ މަގު ހެދުމަށް. ބާކީ ހުރި މަގުތައް ހެދެންޖެހޭ. ހަމައެއާއެކު އައްޑޫގެ ލިންކް ރޯޑުގެ މަސައްކަތަކީ ކޮންމެހެން ކުރަންޖެހޭކަމެއް. ލިންކް ރޯޑަކީ 20 އަހަރަށްވުރެ ގިނަ ދުވަސްވީ ވަރަށް ބޮޑަށް ހަލާކުވެފައިވާ މަގެއް. އެހެންވީމަ އައްޑޫގެ ތަރައްޤީއަށްޓަކައި އައްޑޫގެ ލިންކް ރޯޑު ފުޅާކުރެވި ރަނގަޅަށް ތަރައްޤީވެގެން ދިއުމަކީ ވަރަށް މުހިންމު ކަމެއް. ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭނެ ލިންކް ރޯޑު އަލުން ތަރައްޤީކުރުމާ އެއްކޮށް އައްޑޫގެ ބާކީހުރި މަގުތަކުގެ މަަސައްކަތްތައްވެސް ކުރިއަށް ގެންދިއުމަށް”.

ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.

އައްޑޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން 100 ކިލޯ މީޓަރަށްވުރެ ބޮޑު ސަރަހައްދެއް ތަރައްޤީކުރާއިރު، ނިމިދިޔަ ސަރުކާރުން، 60 ކިލޯމީޓަރު މަގު ހަދަން ނިންމާފައި އޮތީ ސިމެންތި ބޭސް ލޭޔަރ އަޅައިގެންނެވެ. ނަމަވެސް އެމަގުތައް ތާރު އަޅައިގެން ތަރައްޤީކުރެއްވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.

މަސްދަރު: ޕީއެސްއެމްނިއުސް

Next: މަގުތައް ހަދަނީ ރޭސް ޖަހާކަށް ނޫން