ރާއްޖޭގެ ގިނަ މުއައްސަސާތަކަކީ ކޮރަޕްޝަންގެ ހާއްޔެއް: އިހްސާން

ޤާނޫނު ތަންފީޒު ކުރާ މީހުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ ގިނަ މުއައްސަސާތައް ކޮރަޕްޝަނުގެ ހާއްޔަކަށްވެފައިވުންކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ނާރެސް ޕޯޓަލް އާއި ކުރަނގި އޮޕަރޭޝަންގެ ދެ ވަނަ ފޭސް އިފުތިތާހު ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ، އެ ވުޒާރާގެ ދަށުން ހިންގާ ބައެއް އިދާރާތަކުން ވެސް ކޮރަޕްޝަންގެ އަމަލުތައް ފެނިފައިވާ ކަމަށާއި އެކަމާ ހިތާމަކުރާ ކަމަށެވެ. އަދި ޔުނީފޯމް އެޅި މުއައްސަސާއެއްގައި އެއްވެސް ވަރަކަށް ކޮރަޕްޝަންގެ އަމަލުތައް ބަލައިނުގަނެވޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

“އެހެން ނަމަވެސް ރައީސްގެ ވަރަށް ކްލިއާ އިންސްޓްރަކްޝަނެއް، އަޅުގަނޑުމެން ޒީރޯ ޓޮލެރަންސް ޕޮލިސީއެއް އޮތް ކަމެއް އެއީ. ހާއްސަކޮށް ޔުނިފޯމް އެޅި މުއައްސަސާތަކުގެ ތެރޭގައި މިފަދަ އެއްވެސް ކަމެއްގެ ޒައްރެއްގެ މިންވަރު ވެސް ނުބޭއްވުމަށް،”

އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ދާދި ފަހުން ޖަލަށް މަސްތުވާތަކެއްޗާއި ފޯނުވެއްދި މައްސަލައިގައި ކަރެކްޝަނުގެ 18 މުވައްޒަފަކު ހިމެނި ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގާފައިވާކަން ފާހަގަކުރައްވަމުންނެވެ. އޭގެތެރެއިން 13 އޮފިސަރަކު ޝަރީއަތް ނިމެންދެން ބަނދުގައި ތިބިއިރު، ބައެއް އޮފިސަރުން ވަނީ ބޮޑެތި އަދަދުތަކުން ފައިސާގެ މުއާމަލާތްކޮށް ކޮރަޕްޝަން ހިންގާފައެވެ.

އެހެންކަމުން ހޯމްލޭންސް ސެކިއުރިޓީ މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ އިދާރާތަކުގައި މަސައްކަތް ކުރަނީ ނަޒާހަތްތެރި ބައެއް ކަން ކަށަވަރު ކުރައްވާނެ ކަމަށާއި އެއްވެސް މީހަކު އެ ކަމުން އިސްތިސްނާ ނުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ރާއްޖޭގެ ހުރިހާ މުއައްސަސާއެއްގައި ކޮރަޕްޝަން މޫލައިގެން ގޮސްފައިވާއިރު ވެސް އެއްވެސް ފިޔަވަޅެއް ނާޅާ އޮތީ ދޫކޮށްލާފައެވެ. އެ ކުންފުނީގެ ވެރިން ބޭނުންވާ ގޮތަކަށް ކަންތައްތައް ހިންގުމަށް ދޫކޮށްލާފައިވާކަން ވަޒީރު ފާހަގަކުރެވެއެވެ.

Next: ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އައްޑޫގެ ކަމާއިގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާކުރައްވައިފި