އިންޓަރނެޓް މެދުވެރިކޮށް ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކަށް މައްސަލަތަކެއް ކުރިމަތިވެ, ގިނަ ސިނާޢަތްތަކެއްގެ ޚިދުމަތްތަކަށް ބުރޫ އަރައިފިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެކްނޮލޮޖީގެ ޚިދުމަތްތައް ފޯރުކޮށްދޭ ބައެއް ކުންފުނިތަކުން ބޭނުންކުރާ ވަސީލަތްތަކަށް މައްސަލަތަކެއް ކުރިމަތިވުމާ ގުޅިގެން ވައިގެ އުދުހުންތަކާއި, މުވާސަލާތާއި, ބްރޯޑްކާސްޓިންގގެ އިތުރުން ބޭންކާއި ޞިއްޙީ ޚިދުމަތްތަކަށް ވެސް ވަނީ ބުރޫ އަރާފައެވެ.
މި މައްސަލައާ ގުޅިގެން ވައިގެ ޚިދުމަތްތައް މެދުކަނޑައިލާފައިވާ އެއަރލައިންތަކުގެ ތެރޭގައި އެމެރިކާގެ އެމެރިކަން އެއަރލައިންސް, ޑެލްޓާ އެއަރލައިންސް, ޔުނައިޓެޑް އެއަރލައިންސް އަދި އެލީޖެންޓް އެއަރ ހިމެނެއެވެ. މުވާސަލާތީ ޚިދުމަތްތަކަށް ބުރޫ އެރުމާ ގުޅިގެން އެ އެއަރލައިންތަކުގެ މަތިންދާބޯޓުތައް ވަނީ ގްރައުންޑް ކޮށްފައެވެ. މިއީ, މައިކްރޮސޮފްޓް ކުންފުނީގެ ޚިދުމަތްތަކަށް މައްސަލައެއް ކުރިމަތިވުމާ ގުޅިގެން ކުރިމަތިވި ކަމެއް ކަމަށް ބެލެވެއެވެ.
މައިކްރޮސޮފްޓް ކުންފުނިން ބުނީ, އެ ކުންފުނިން ފޯރުކޮށްދޭ ކްލައުޑް ޚިދުމަތްތައް މެދުކެނޑުމާ ގުޅިގެން ގިނަ އެއަރލައިންތަކަކަށް އަސަރު ކޮށްފައިވާ ކަމުގައެވެ. ނަމަވެސް, މިހާރު އެ މައްސަލަ ހައްލު ކޮށްފައިވާ ކަމުގައި އެ ކުންފުނިން ބުންޏެވެ.
“މައްސަލަ ކުރިމަތިވީ އަޅުގަނޑުމެން ބޭނުން ކުރަމުން ދިޔަ ސޮފްޓްވެއަރއެއް މަސައްކަތް ނުކުރާތީ. އެއާއެކު, ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވައިގެ ޚިދުތްތަކަށް ބުރޫ އެރި. ޔުނައިޓެޑް ވެސް ހިމެނޭ. އެ ކަން ހައްލު ކުރަން މަސައްކަތް ކުރަމުންދާއިރު, އަޅުގަނޑުމެންގެ މަތިންދާބޯޓުތައް ވާނީ ގްރައުންޑް ކޮށްފައި. އެ ވަގުތު އުދުހެމުން ދިޔަ މަތިންދާބޯޓުތައް, އޭގެ މަންޒިލްތަކަށް ދަތުރު ކުރި،” ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެމެރިކާގެ ކުންފުނިތަކުގެ އިތުރުން އޮސްޓްރޭލިޔާގެ ގިނަ ޚިދުމަތްތަކަކަށް ވެސް މި މައްސަލައިގެ ސަބަބުން ވަނީ ބުރޫ އަރާފައެެވެ. މި ގޮތުން, އެ ޤައުމުގައި މުވާސަލާތީ ޚިދުމަތްތަކުގެ އިތުރުން ބްރޯޑްކާސްޓިންގއާއި ބޭންކުގެ ޚިދުމަތްތައް ވެސް ހުއްޓިފައިވާ ކަމުގައި އެ ޤައުމުން ބުންޏެވެ. މިއީ, ސައިބަރ ސެކިޔުރިޓީގެ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނި, ކްރައުޑްސްޓްރައިކަށް ކުރިމަތިވި މައްސަލައަކާ ގުޅުން ހުރި ކަމެއް ކަމުގައި އޮސްޓްރޭލިޔާ ސަރުކާރުން ބުންޏެވެ.
އެ ކުންފުނީގެ ސޮފްޓްވެއަރތައް ބޭނުން ކުރާ ހުރިހާ ކޮމްޕިޔުޓަރ ސިސްޓަމްތަކަށް މައްސަލަ ކުރިމަތިވެ, ނޫކުލައިގެ ‘ބްލޫ ސްކްރީން’ ނުވަތަ ‘ބްލޫ ސްކްރީން އޮފް ޑެތް ‘ އަރައި, ހުއްޓިފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. މި ކަމާ ގުޅިގެން, ކްރައުޑްސްޓްރައިކުން ވަނީ އެ މައްސަލަ ހައްލު ކުރާނެ ގޮތްތައް ހިމެނޭ މެސެޖެއް ފޮނުވާފައެވެ. ނަމަވެސް, މި މައްސަލަ ކުރިމަތިވާން މެދުވެރިވި ސަބަބު އެ ކުންފުނިން ސާފު ކޮށްދީފައެއް ނުވެއެވެ.
މި ކަމާ ގުޅޭ ގޮތުން އޮސްޓްރޭލިޔާގެ ނޭޝަނަލް ސައިބަރ ސެކިޔުރިޓީ ކޯޑިނޭޓަރު މިޝޭލް މެގިނިސް ވިދާޅުވީ, މިއީ ސަރިބަރ ޙަމަލާއަކާ ގުޅިގެން ކުރިމަތިވި މައްސަލަތަކެއް ކަން ސާފު ކޮށް އެނގެން ނެތް ކަމުގައެވެ. އެމެރިކާއާއި އޮސްޓްރޭލިޔާގެ އިތުރުން, މި މައްސަލައާ ގުޅިގެން ޖަޕާނާއި, ނެދަރލެންޑްސާއި, ޖަރުމަނުވިލާތާއި ސްޕެއިންގެ ވައިގެ ބަނދަރުތަކުގެ ޚިދުމަތްތައް ހުއްޓި, ވައިގެ އުދުހުންތަކަށް ވަނީ ބުރޫ އަރާފައެވެ.
މީގެ އިތުރުން, އިނގިރޭސިވިލާތުގެ ޞިއްޙީ ނިޒާމަށް ވެސް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މި ގޮތުން, ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހައްދަން ބޭނުން ކުރާ ނިޒާމު ‘އޮފްލައިން’ވުމާ ގުޅިގެން ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާއިރު, އެ ޤައުމުގައި ބްރޯޑްކާސްޓިންގގެ ޚިދުމަތް ފޯރުކޮށްދޭ ސްކައި ނިއުސުން ވަނީ ބްރޯޑްކާސްޓް ކުރުން ހުއްޓައިލާފައެވެ.
އިންޑިޔާއާއި ދެކުނު އެފްރިކާގައި ފޯރުކޮށްދޭ ބޭންކުގެ އަދި މާލީ ޚިދުމަތްތަކަށް ބުރޫ އަރާފައިވާ ކަމުގައި އެ ޤައުމުތަކުން ވެސް ހާމަކުރިއެވެ. މައިކްރޮސޮފްޓުގެ އިތުރުން އެމެޒަނުން ފޯރުކޮށްދޭ ކްލައުޑް ޚިދުމަތްތައް ވެސް ވަނީ ހުއްޓިފައެެވެ. މި ހުރިހާ މައްސަލައެއް ކުރިމަތިވާން މެދުވެރިވީ ކްރައުޑްސްޓްރައިކުން ފޯރުކޮށްދޭ ސައިބަރ ސެކިޔުރިޓީ ޚިދުމަތްތަކަށް ބުރޫ އެރުމާ ގުޅިގެން ކަން ސާފު ނޫން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
މަސްދަރު: ޕީއެސްއެމް ނިއުސް