މިއަހަރު ޗައިނާއިން އައްޑުއަށް ސީދާ ދަތުރުތައް ފަށަން މަސައްކަތް އެބަކުރަން: ފައިސަލް

ޗައިނާގެ އެކި ޕްރޮވިންސްތަކާއި އައްޑޫ ސިޓީއާ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ މިދިޔަ މެއި މަހު ޗައިނާގައި އޮތް އައިޓީބީ ފެއާގައި ޗައިނާގެ އީސްޓަން އެއާލައިންސްގެ ނައިބު ރައީސްއާ ބައްދަލުކުރައްވައި، އައްޑުއަށް ސީދާ ދަތުރުތައް ފެށުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

“ރައީސް މުއިއްޒުގެ ސަރުކާރާއި ޗައިނާއާއި ދެމެދު މިއޮތީ ވަރަށް ގާތް ބަދަހި ގުޅުމެއް. އޭގެ ތެރެއިން އަޅުގަނޑު ޔަގީން ކުރަނީ ދާދި އަވަހަށް މިއަހަރު ތެރޭގައި އަޅުގަނޑުމެން މަސައްކަތް ކުރަނީ ޗައިނާގެ އެކި ޕްރޮވިންސްތަކުން އައްޑޫއަށް ޑައިރެކްޓް ފްލައިޓް ޖެއްސޭތޯ،” ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، މި ސަރުކާރުގެ ޕްލޭނަކީ އައްޑޫއަށް ޑައިރެކްޓް ފްލައިޓަށް ގެންގޮސް، ސީޕްލޭން މެދުވެރިކޮށް، ގއ. އަތޮޅު، ފުވައްމުލަށް ފަދަ ތަންތަނަށް ފަތުރުވެރިންނަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ. އެކަން އެގޮތަށް ކުރެވިއްޖެނަމަ، ޝަންގްރިއްލާގެ ބޭފުޅުން ވެސް ރިސޯޓު އަވަހަށް ހުޅުވަން ބޭނުންވާނެކަން ފައިސަލް ފާހަގަކުރެއްވިއެވެ.

ފައިސަލް ވިދާޅުވީ އައްޑޫގައި ފަތުރުވެރިކަން ތަރައްގީ ކުރަން ވޭތުވެދިޔަ ހުރިހާ ސަރުކާރަކުން ނުކުޅެދިފައިވާ ކަމަށެވެ.

އެގޮތުން އައްޑޫގައި އޮތް ޝަންގްރިއްލާ ރިސޯޓު އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނަ ކަމަށާއި އޭނާ އަމިއްލައަށް މިދިޔަ ހަފްތާގައި ޝަންގްރިއްލާގެ މެނޭޖްމެންޓުގެ އިސް ބޭފުޅުންނާއި އެކީ މަޝްވަރާ ކުރެވި އެކަމަށް ހާއްސަކޮށްގެން ޓާސްކް ފޯހެއް އެކުލަވާލާފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވަރު އައްޑޫއަށް ވަރަށް ވެސް ބޮޑު ކަމަށާއި ހާއްސަ ގޮތެއްގައި ފަތުރުވެރިކަން އައްޑޫގައި ތަރައްގީ ކުރުމަށް ހާއްސަ އަހަންމިއްޔަތު ކަމެއް ދެއްވާ ކަމަށް ފައިސަލް ވިދާޅުވިއެވެ. ރައީސް މުއިއްޒު ރިޔާސީ އިންތިހާބަށް އެ ސިޓީއަށް ވަޑައިގެން، ވެރިކަމުގެ ފުރަތަމަ އަހަރު ޝަންގްރިއްލާ ހުޅުވާނެ ކަމަށް ވައުދުވެވަޑައިގަތް އިރު، ޝަންގްރިއްލާ ހުޅުވުމަށް އެންމެ މުހިންމު މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ރައީސް އަންނަ ޑިސެމްބަރު މަހު އައްޑުއަށް ވަޑައިގަންނަވާނެ ކަމަށާއި އެހާތަނަށް، ޝަންގްރިއްލާގެ މަސައްކަތްތަކެއް ނިމިފައި ހުރުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތް ކަމަށެވެ.

Next: މޭޔަރުންނާއި ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ނުވަތަ އޮފިޝަލް ޕާސްޕޯޓު ދޭން މަޝްވަރާކުރަނީ