މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ލިބުން ލަސްވާތީ އައްޑޫގެ މަސްވެރިންތަކެއް އިހުތިޖާޖުކޮށްފި އެވެ.
މި އިހުތިޖާޖު އޮތީ ހުޅުމީދޫފައި ހުންނަ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްގަ އެވެ. އެ އިހުތިޖާޖުގައި މަސްވެރިން ވަނީ އެ މީހުންނަށް ދޭންޖެހޭ ފައިސާ ވަގުތުން ވަގުތަށް ދިނުމަށާއި ކުރިއަށް އޮތް ތަނުގައި ކިރުވާ މަހަށް ކޮންމެ 15 ދުވަހަކުން ފައިސާ ދިނުމަށް ސަރުކާރުން އެއްބަސްވުމަށް ގޮވާލައިފަ އެވެ.
ފިޝަރީޒް މިނިސްޓްރީން އީދު ޗުއްޓީގެ ކުރިން ބުނެފައިވާ ގޮތުގައި މި މަހުގެ 15 ގެ ކުރިން މަސްވެރިންނަށް 46 މިލިއަން ރުފިޔާ ދޫކުރާނެ އެވެ. އަދި ފައިސާ ދޫނުކުރެވި ދޮޅު މަހެއްހާ ދުވަސް އޮތުމުން ޖުމްލަ 80 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޭން ޖެހިފައިވެ އެވެ.
މަސްވެރިން މަސްކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ ނިޒާމެއް ގާއިމުކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
އައްޑޫގެ މަސްވެރިންތަކެއް ފައިސާ ނުލިބިގެން އިހުތިޖާޖު ކުރި އިރު، ބައެއް އެހެން ހިސާބުތަކުގެ މަސްވެރިން ވެސް މިފަދަ އިޖުތިޖާޖުތައް އަންނަނީ ކުރަމުންނެވެ.