ކަރަންޓް ބިލްތައް ބޮޑުކޮއްގެން، ތިންލައްކައެއްހާ ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައެއްގައި ދަޢުވާކުރުމަށް ފޮނުވައިފި

ކަރަންޓް ބިލްތަކަށް ބަދަލުގެނެސް ފައިސާ ނަގާފައިވާ މައްސަލައިގައި ދަޢުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް ފޮނުވައިފި އެވެ.

2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ބ.ކަމަދޫ ބްރާންޗުން ކަރަންޓް ބިލް ތައްޔާރުކޮށް އެރަށުގެ ގޭގެއަށާއި ވިޔަފާރިތަކަށް ފޮނުވާފައިވާއިރު، ބިލުތަކުގެ ޖުމްލަ އަދަދަށް ބަދަލު ގެނެސް ފައިސާ ނަގާފައިވާ މައްސަލަ އޭސީސީއިން ތަހުޤީޤުކޮށް އެ މައްސަލައިގައި ކޮރަޕްޝަނުގެ ދަޢުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ އިއްޔެއެވެ.

މި މައްސަލާގައި ދައުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ ބ.ކަމަދޫ ބްރާންޗުގެ ކުރީގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ، ޢާއިޝަތު ސަމިއްޔާ (މިނާ، ބ.ކަމަދޫ) ގެ މައްޗަށެވެ

ޢާއިޝަތު ސަމިއްޔާގެ މައްޗަށް ދަޢުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތުން އެފަރާތުގެ ވާޖިބު އަދާކުރުމުގައި، އެފަރާތަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަމިއްލައަށް ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދަޢުވާއާއި، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 13 ވަނަ މައްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާއެއް ލިބެންއޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާކަމަށް އޭސީސީއިން ބުނެއެވެ.

ޢާއިޝަތު ސަމިއްޔާ ފެނަކަ ކޯޕަރޭޝަނުގެ ބ.ކަމަދޫ ބްރާންޗުގެ ކަރަންޓް ބިލުތަކުން ޖުމްލަ 375،405.52ރ ނަގާ އެފައިސާ ބޭނުން ކޮށްފައިވެއެވެ.

Next: ރާއްޖޭގައި ހިންގަމުންދާ ތަރައްޤީގެ މަޝްރޫޢުތައް ބަރާބަރަށް ކުރިއަށް ގެންދާނެ – އިންޑިއާ