ބެސްޓް ފުޓްސަލް މުބާރާތް 2018: ޝަންގްރިއްލާއާއި ޑީއެފްސީގެ ކުރިމަތިލުން އެއްވަރު

ހުޅުމީދޫ ޕޮލިސް ދަނޑުގައި މިހާރު ކުރިއަށްދާ ބެސްޓް ފުޓްސެލް މުބާރާތް 2018 ގައި ރޭ ކުޅުނު ފުރަތަމަ މެޗް އެއްވަރުވެގެން ނިމިއްޖެވެ.

ޝަންގްރިއްލާ ވިލިގިލި ރިސޯޓްގެ ޓީމާއި މީދޫ  ޑީއެފްސީ ބައްދަލުކޮށް ކުޅެވުނު މިމެޗް އެއްވަރުވެފައިވަނީ  1 ލަނޑު 1 ލަނޑުންނެވެ.

ހުޅުމީދޫ ޕޮލިސް ދަނޑުގައި ކުރިއަށްދާ މިމުބާރާތުގައި ރޭ ކުޅެވުނު މިމެޗް ފަށައިގެން ގިނަވަގުތު ބޯޅަ ގެންގުޅެ މެޗް ކޮންޓުރޯލްކޮށް ކުޅެފައިވަނީ ޝަންގްރިއްލާ ވިލިގިލީޓީމުންނެވެ. މިގޮތުން އެޓީމުގެ ކުޅުންތެރީންނަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެއެވެ. އެހެން ނަމަވެސް ރޭގެ މިމެޗްގައި މޮޅު ކުޅުމެއް ދެއްކި ޑީއެފްސީގެ ކީޕަރު ޝަންގްރިއްލާޓީމުގެ ކުޅުންތެރީން ފޮނުވާލަމުންދިޔަ ގިނަ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައިވެއެވެ.

ޝަންގްރިއްލާޓީމުގެ ކުޅުންތެރީން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް ޑީއެފްސީގެ ގޯލަށް ފޮނުވަމުން ދަނިކޮށް މިމެޗްގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ ޑީއެފްސީއެވެ.  އެޓީމުން ކާމިޔާބުކުރި މިލަނޑު ފުރަތަމަ ހާފްގައި ކާމިޔާބުކޮށްދިނީ އެޓީމަށް ކުޅުނު ރަށުން ބޭރުގެ ކުޅުންތެރިޔާ ވަޖީހުއެވެ.

މިމެޗްގެ ފުރަތަމަ ހާފު ނިމުނީ 1 ލަނޑު 0 ލަނޑުން ޑީއެފްސީ ކުރިހޯދައިގެންނެވެ.

ފޭދޫއާއި ހިތަދޫގެ މަޝްހޫރު ކުޅުންތެރީން ހިމެނޭ ޝަންގްރިއްލާ ވިލިގިލީޓީމުން މެޗްގެ ނަތީޖާ ހަމަހަމަކުރި ލަނޑު  ދެވަނަ ހާފްގެ ކުޅުމުގައި ކާމިޔާބުކޮށްދީފައިވަނީ ޝާޓީއެވެ.

މިމެޗްގެ ދެވަނަ ހާފްގެ ކުޅުމަށްބަލާއިރު ދެޓީމުގެ ފަރާތުންވެސް ފެނިގެންގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ.

މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޑީއެފްސީޓމަށްކުޅުނު މަރަދޫ ޗިޅާއެވެ.

ހުޅުމީދޫ ޕޮލިސް ދަނޑުގައި ކުރިއަށް ގެންދާ މިމުބާރާތުގައި 7 ޓީމް ބައިވެރިވެފައިވާއިރު މި 7 ޓީމްވަނީ ދެގްރޫޕަކަށް ބަހާލެވިފައެވެ. މިގޮތުން ގްރޫޕްއޭގައި ހިމެނެނީ ، އެފްސީއަޚުން ، ޔުނައިޓެޑް ބްރަދާސް ، ބްރަދާސްޔުނައިޓެޑް އަދި އެފްސީ ލަކީއެވެ. ބިގްރޫޕްގައި ހިމެނެނީ ޑީއެފް ކްލަބް ، ޝަންގްރިއްލާ އަދި އެފްސީ ގައުމެވެ.

މިމުބާރާތުގެ ގްރޫޕް މެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު ޕޮއިންޓްގެ ގޮތުން އެންމެ މޮޅުވާ ދެޓީމް ސެމީފައިނަލަށް ހޮވޭގޮތަށެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް ބެސްޓް ސެލެކްޝަންގެ ފަރާތުން ޓްރޮފީއާއި، 25000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު  ރަނަރއަޕް ޓީމަށްވަނީ 12000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބެސްޓް ސެލެކްޝަންއެވެ. މިއީ މުލިމަތި ޖަމްއިއްޔާއާއި ބެސްޓް ސެލެކްޝަން ގުޅިގެން ބާއްވާ މުބާރާތެކެވެ.

Next: ޔުނައިޓެޑް ބްރަދާސްއާއި ބްރަދާސް ޔުނައިޓެޑް ސެމީފައިނަލަށް