ބޮޑު ތަފާތަކުން ލޫޓަން ބަލިކޮށް، ސިޓީއަށް 2 ޕޮއިންޓްގެ ލީޑެއް

އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ގެ ތަފާތުބޮޑު ނަތީޖާއަކުން ލޫޓަން އަތުން މޮޅުވެ ޗެންޕިއަން މެންޗެސްޓާ ސިޓީ އިން ލީގު ތާވަލުގެ ކުރީގައި ދެ ޕޮއިންޓްގެ ލީޑެއް ހޯދަފިއެވެ.

ގިނަ ބަދަލުތަކަކާއެކު ރޭގެ މެޗަށް މެންޗެސްޓާ ސިޓީއިން ނުކުތްއިރު ރޭގެ މެޗް ސިޓީން ކާމިޔާބުކޮށްފައިވަނީ 5 ލަނޑު 1 ލަނޑުންނެވެ.  

މި މެޗު ފެށިގެން ދެވަނަ މިނިޓުގައި ސިޓީން  ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއެވެ.  މިލަނޑަކީ ލޫޓަންގެ ޑިފެންޑަރު ޑައިކީ ހަޝިއޯކާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިމެޗްގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިގެން ސިޓީން ލީޑުފުޅާކުރީ 64 ވަނަ މިނިޓްގައި މަޓެއޯ ކޮވަސިޗް ޖެހި ގޯލުންނެވެ.  އަދި މެޗްގެ 76 ވަނަ މިނިޓްގައި ހާލަންޑް ސިޓީއަށް ލިބުނު ޕެނަލްޓީއަކުން ސިޓީގެ 3 ވަނަ ލަނޑު ކާމިޔާބުކުރިއެވެ.  ސިޓީން މިމެޗްގައި ކާމިޔާބުކުރި 4 ވަނަ ލަނޑު 87 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޖެރެމީ ޑޮކޫއެވެ. އަދި 5 ވަނަ ލަނޑު މެޗްގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ޖޮސްކޯ ގްވާޑިއޯލް އެވެ.  

މިމެޗުގައި ލޫޓަންގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު ރޮސް ބާކްލީ އެވެ.

މިމެޗުގެ ކުޅުން ނިމިގެންދިޔައީ 5-1 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 32 މެޗުން މެންޗެސްޓާ ސިޓީއަށް 73 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ލޫޓަން އިން ލީގުގައި ކުޅުނު 33 މެޗުން ލިބުނު 25 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 18 ވަނައިގައެވެ.

advertisement

Next: ސައުދީ ސްޕަކަޕް: އަލް ހިލާލުން ޗެންޕިއަންކަން ހޯދައިފި