ކޮޕަ ޑެލް ރޭގެ ޗެމްޕިއަންކަން ބިލްބާއޯ އަށް

ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ގެ ޗެމްޕިއަންކަން އެތުލެޓިކް ބިލްބާއޯއިން ހޯދައިފިއެވެ.

އެތުލެޓިކް ބިލްބާއޯއިން މިމުބާރާތުގެ ޗެމްޕިއަންކަންހޯދީ ފައިނަލް މެޗުގައި މަޔޯކާ ބަލިކޮށްފައެވެ.

މި މެޗު ފުރިހަމަ ވަގުތުހަމަވި އިރު ދެ ޓީމް 1 ލަނޑު 1 ލަނޑުގެ ނަތީޖާއިން އެއްވަރުވެފައި އޮތުމުން އިތުރުވަގުތުގެ ދެހާފް ކުޅެވުނެވެ. އެހެންނަމަވެސް އިތުރުވަގުތުގެ ދެހާފްގެ ކުޅުން ނިމުނު އިރުވެސް ނަތީޖާ އެއްވަރުވެފައި އޮތުމުން ޕެނަލްޓީ ޖެހިއިރު، ބިލްބާ އޯއިން ވަނީ 4-2 އިން ޕެނަލްޓީގައި ކުރި ހޯދާ މުބާރާތް ކާމިޔާބު ކޮށްފައެވެ

ސެވިއްޔާގެ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ މަޔޯކާއިންނެވެ. މި ލަނޑު 21 ވަނަ މިނެޓުގައި ޖަހައިދިނީ ޑެނީ ރޮޑްރިގޭޒްއެވެ. ބިލްބާއޯއިން ނަތީޖާ ހަމަހަމަ ކުރީ 50 ވަނަ މިނެޓުގައި އޮއިހަން ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ނިކޯ ވިލިއަމަސްގެ އެހީތެރިކަމާއި އެކުއެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ބިލްބާއޯއިން ވަނީ ޖެހި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބު ކޮށްފައެވެ. އެ ޓީމަށް ޕެނަލްޓީތަށް ކާމިޔާބު ކޮށްދިނީ ރައުލް ގާސިއާ، މުނައިން، މައިކަލް ވެސްގާގެ އިތުރުން އަލެކްސްއެވެ. މަޔޯކާއަށް ޕެނަލްޓީ ކާމިޔާބު ކޮށްދިނީ މުރީޤީއާއި ސަންޗޭޒްއެވެ. އެ ޓީމުން ޕެނަލްޓީ މިސްކޮށްލީ މަނޫ އާއި ނެމެންޖާއެވެ.

މިއީ ފާއިތުވި 40 އަހަރުތެރޭ ބިލްބާއޯއިން މި މުބާރާތުގެ ތަށި ހޯދި ފުރަތަމަ ފަހަރެވެ. ނަމަވެސް ފާއިތުވި މި މުއްދަތުގައި އެ ޓީމުން ވަނީ ހަފަހަރެއްގައި ފައިނަލުގައި ކުޅެފައެވެ. މިއީ ބިލްބާއޯ މި މުބާރާތް ކާމިޔާބުކުރި 24 ވަނަ ފަހަރެވެ. މި މުބާރާތް އެންމެ ގިނައިން ކާމިޔާބު ކޮށްފައި ވަނީ ބާސެލޯނާއިންނެވެ. ބާސާއިން ވަނީ 31 ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައެވެ.

advertisement

Next: އެއްބައިވަންތަކަމާއެކު ޢީދުގެ އުފާވެރިކަން ވީއެންމެ ބޮޑަކަށް ފާހަގަކުރުމަށް ރައީސް އެދިވަޑައިގެންފި