ރައްޔިތުންގެ މަޖިލީހަށް ސަރުކާރާއި ދެކޮޅު ކެންޑިޑޭޓުންތައް އިންތިހާބު ވެގެން އައުމުގެ ނަތީޖާއަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާއަށް ޖެއްސުންކޮށް ވަޒީރުންނަށް ވެސް އެއްވެސް މަސައްކަތް ކުރުމުގެ ފުރުސަތެއް ނުދީ އުނދަގޫ ކުރުންކަމަށް ޔޫތް މިނިސްޓަރު އިބްރާޙިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެ އެވެ.
ގއ. ވިލިނގިލި ދާއިރައަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ޔަޒްމީދުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި އަސްވާޑު ވަނީ ސަރުކާރަށް ތާއީދު ކުރާ ތަރައްގީގެ ފިކުރުގެ މެމްބަރުން މަޖިލީހުގައި ތިބުމުގެ މުހިންމުކަން ފާހަގަ ކުރައްވާފަ އެވެ.
އަސްވާޑު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރެވޭނެ ކެންޑިޑޭޓެއް ރައީސުލްޖުމްހޫރިއްޔާ ވެސް އިހުތިޔާރު ކުރާނީ އެއީ ރައްޔިތުންގެ ވެސް ކެންޑިޑޭޓަށް ވާތީ ކަމަށެވެ.
އަސްވާޑު ވިދާޅުވީ ސަރުކަރާއި އިދިކޮޅު ކެންޑިޑޭޓެއް މަޖިލީހަށް ހޮވުމުގެ ނަތީޖާއަކަށް ވާނީ ހުއްޓުމެއް ނެތި ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނަށް ޖެއްސުން ކުރުން ކަމަށެވެ. މީގެ އިތުރަށް އަސްވާޑު ވިދާޅުވީ އިދިކޮޅަށް މަޖިލިހުގެ މެޖޯރިޓީ ދީފިނަަމަ ފެނިގެން ދާނީ ވަޒީރުންނަށް ވެސް މަސައްކަތް ކުރުމުގެ އެއްވެސް ފުރުސަތެއް ނުދީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް އެކި ދުވަސްތައް މަތީން ގެންގޮސް އުނދަގޫ ކުރަމުންދާތަންކަމަށެވެ .
މީގެކުރިން ވެސް ބޭއްވި އެކި ޖަލްސާތަކުގައި ދެއްކެވި ވާހަކައިގައި އަސްވާޑު ވަނީ ރައްޔިތުންގެ ތާއީދު ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓުންނަށް ދެއްވައި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ހޯދައިދޭން އެދިވަޑައިގެންފަ އެވެ. އަދި ވިދާޅުވީ ސަރުކާރުގެ ވައުދުތައް ފުއްދައި، ތަންފީޒު ކުރުމަށް ފަސޭހައިން މަސައްކަތް ކުރެވެން އޮތް މަގަކީ އެއީ ކަމަށެވެ.