ފެނަކައަށް ބޭނުންވާ ފަންނީއެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓެލްކޯއާއިއެކު އެއްބަސްވުމަކަށް

ރަށްރަށުގެ ކަރަންޓްގެ ޚިދުމަތްދޭ ކުންފުނި ފެނަކައަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސްޓެލްކޯއާއިއެކު ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި ސްޓެލްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސެން ފަހުމީއެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދެވެ.

މިއެއްބަސްވުމުގެ ދަށުން ފެނަކައިގެ މުވައްޒަފުންނަށް ބޭނުންވާ ފަންނީ ތަމްރީނާއި ކުންފުންޏަށް ބޭނުންވާ ފަންނީ އެހީތެރިކަންވެސް ސްޓެލްކޯއިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑީ ފަހުމީ ވިދާޅުވީ އެއްބަސްވުމުގެ ދަށުން ފެނަކައިގެ މުވައްޒަފުންނަށް ބޭނުންވާ މެކޭނިކަލް އަދ އިންޖިނިއަރިންގެ ތަމްރީނުތައް ސްޓެލްކޯއިން ދޭނެކަމަށާ މުވައްޒަފުންނަށް ބޭނުންވާ ހުރިހާ ތަމްރީނާއި ސަޕޯޓްދޭނީ ހިލޭކަމަށެވެ.

ފެނަކައިގެ އެމްޑީ މުއާޒްވިދާޅުވިގޮތުގައި އެކުންފުނިން މިހާރު އެންމެ ބޮޑު ހޭދައެއްކުރަނީ ޕަމްޕާއި ޖަނަރޭޓަރުތައް ސާވިސްކުރުމަށް ވިދާޅުވިއެވެ. މިގޮތުން މިދިޔަމަހުވެސް އެކަމަށް 117 މިލިއަންރުފިޔާ ޚަރަދުވިކަމަށް މުއާޒް ވިދާޅުވިއެވެ.

އެހެންކަމުން މިވަގުތު ފެނަކަ އޮތް މާލީ ދަތި ހާލަތުން އަރައިގަތުމަށް ލިބޭނެ އެންމެ ބޮޑު އެހީއަކީ ސާވިސްކުރުމުގެރ ޚިދުމަތް ސްޓެލްކޯގެ އެހީގައި ހިލޭ ލިބިގެން ދިއުންކަމަށް މުއާޒުވިދާޅުވިއެވެ.

advertisement
Next: މީދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ސަބްރީ  ކާމިޔާބު ކުރައްވައިފި