ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ފުލުހުން ހައްޔަރުކޮށްފިއެވެ.
ނަދީމް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އެންދެރިމާގޭ ކުރިމަތީގައި ހުންނަވަނިކޮށެވެ. ނަދީމް މިހާރު ވަނީ ފުލުހުންގެ މައި އިދާރާއަށް ގެންގޮސްފައެވެ.
ނަދީމް ހައްޔަރު ކުރި ނަމަވެސް ހައްޔަރު ކުރީ ކީއްވެގެންކަން އަދި އެނގިފައެއް ނުވެއެވެ.
ނަދީމް ހައްޔަރުކޮށްފައިވާ އިރު އިއްޔެ ފުލުހުންވަނީ ރައީސް މައުމޫނާއި ގުޅުން ހުރި ތިން ގެއެއް ފާސްކޮށް ތިން މީހަކު ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ރައީސް މައުމޫންގެ އޮފީހުގައި އުޅުއްވާ ނަޖްމާ އިބްރާހީމާއި ރައީސް މައުމޫންގެ ބޮޑީގާޑެއް ކަމަށްވާ މުހައްމަދު އަޒްމީ ހިމެނެއެވެ. އެ ތިން މީހުން ވެސް ޝަރީއަތް ނިމެންދެން މިއަދު ވަނީ ބަންދުކޮށްފައެވެ.