ހުޅުދޫގެ މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު އެކަމުގައި ހުރި ބައެއް ހިތްތަމަނުޖެހުންތަކާއި ގުޅިގެން ހުޅުދޫގެ ޒުވާނުން ނުކުމެ އެކަމުގައި ރައްޔިތުން ކަންބޮޑުވާ ކަންތައްތައް އިސްލާހުކުރުމަށް ގޮވާލައި އަޑު އުފުލައިފިއެވެ.
ހުޅުދޫ ކައުންސިލް އިދާރާއަށް ހާޒިރުވި ޒުވާނުން އެންމެ ބޮޑު ނުތަނަވަސް ކަމެއްގޮތުގައި ފާހަގަކޮށްފައިވަނީ ރަށުގެ ބައެއް މަގުތައް ހަނިވާގޮތައް މަގު ހަދަމުންދާތީއެވެ.
ހުޅުދޫ އަވަށު އޮފީހަށް ހާޒިރުވި ޒުވާނުން ބުނެފައިވަނީ މި އެއްވުމަކީ އެއްވެސް ސިޔާސީ މަގުޞަދެއް ހާސިލު ކުރުމަށް ބޭއްވި އެއްވުމެއް ނޫންކަމަށާއި، މިއީ އެ ޒުވާނުން ދިރިއުޅޭ ރަށައްވެފައި އަދި އެ ޒުވާނުން ބޭނުން ކުރަންޖެހޭ މަގުތަކަށް ވެފައި ރަށުގައި ކަމެއް ގޯސްކޮށްދާނަމަ އެކަމުގެ ގެއްލުން ރަށުގެ ހުރިހާ އެންމެންނަށް ވެސް ކުރާނެތީ އެކަން ކައުންސިލް އިދާރާގެ މުވައްޒަފުންގެ ސަމާލުކަމަށް ގެންނެވުންކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ހުޅުދޫ ޒުވާނުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ މަގުގެ ޖާގަގެއްލޭފަދަ ގޮތައް މަސައްކަތްކުރަމުންދާ ދީދީގެއަބްދުﷲދީދީމަގާއި ގެރަދޫމަގެ މަސައްކަތެވެ. މިދެމަގުގެ ތެރެއިން ދީދީގެއަބްދުﷲދީދީމަގުގެ ފުޅާމިނުުގައި ފޫޓް 30 ހުރިއިރު މިމަގު ހަނިކޮށް މިމަގުގައި ތާރުއެޅުމަށް ތައްޔާރުކޮށްފައިވަނީ 18 ފޫޓް ފުޅާމިނުގައެވެ. ގެރަދޫމަގުގެ ފުޅާމިނުގައި 40 ފޫޓް ހުރިއިރު މިމަހުގެ ހަނިކޮށް މިމަގުގައި ތާރުއެޅުމަށް ތައްޔާރުކުރަމުންދަނީ 23 ފޫޓް ފުޅާމިނުގައެވެ.
ވީމާ މަގުގެ ޖާގަގެއްލޭފަދަ ގޮތައް މަގުގެ ހެދިޔަދީގެން ނުވާނެކަމަސް ހުޅުދޫ ޒުވާނުން ގޮވާލާފައި ވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިކަމާއި ގުޅިގެން މިދެމަގުގެ މަސައްކަތް މިހާރު ހަދަމުންދާ ފުޅާމިނުގައި އިތުރަށް ކުރިއަށް ނުގެންދިއުމަށް މަގުހަދާ ފަރާތްތަކަށް ދަންނަވައިދިނުމަށް ހުޅުދޫ އަވަށު އޮފީހުން ވަނީ އައްޑޫސިޓީކައުންސިލަށް ސިޓީއެއް ފޮނުވާފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުދޫ ކައުންސިލުންވަނީ އެކިފަހަރުމަތިން ހުޅުދޫ މަގުތައް ހެދުމާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް މިނިސްޓްރީއަށާ ސިޓީ ކައުންސިލަށް ހުށައަޅާފައެވެ.
މަސްދަރު: މިނިވަން އެމްވީ