ރަސްކަމެއްގެ ދަށުގައި ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމް ހޭދަކުރަމުންދިޔަ ދުވަސްތައް ޖުމްހޫރީ ނިޒާމަކަށް ތައާރަފް ދިޔައީ 1953 ވަނަ އަހަރުގެ ޖެނުއަރީމަހުގެ އެއްވަނަ ދުވަހެވެ. އެއީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޖުމްހޫރީއްޔަތެއް އިއުލާނު ކުރެވިގެން ދިޔަ ދުވަހެވެ.
ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޖުމްހޫރިއްޔަތުގެ ރައީސެއްގެ ގޮތުގައި އިސްކުރެވުނީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. އެމަނިކުފާނުގެ ވެރިކަން 7 މަހާއި 26 ދުވަސްވަންދެން ދެމިގެންދިޔައެވެ. ގުޅަކުޅޭ ފަސްގަނޑަށް އެއްވެ ގާނޫނު އަސާސީ އުވާލައި 1954 ވަނަ އަހަރުގެ މާރޗްމަހު ރާއްޖޭގެ ވެރިކަމުގެ ނިޒާމް އަނެއްކާވެސް ބަދަލުވެގެން ދިޔައީ ރަސްކަމުގެ ނިޒާމަކަށެވެ.
އިންގިލާބަކަށްފަހު ދިވެހިން އޭރު ގެނައި ރަސްކަން 14 އަހަރާއި 8 މަހާއި 4 ދުވަހަށް ދެމިގެން ދިޔައެވެ. ރަސްކަމަށް އިސްކުރެވުނީ އަންނަބީލް މުޙަންމަދު ފަރީދެވެ.
އެއަށްފަހު ދިވެހިރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތުގެ ނިޒާމެއް ތައާރަފްވެގެން ދިޔައީ އިބްރާހިމް ނާސިރުގެ ވަޒީރުކަމުގައެވެ. މިކަން ވެގެންދިޔަ ގޮތަކީ އޭރުގެ ރަދުންނާއި ބޮޑުވަޒީރާއި ދެމެދު ކަންކަމުގައި ހިޔާލުތަފާތުވުންތައް ބޮޑުވެގެންދިއުމެވެ. އޭރު އޮތް ރަސްކަން ބަދަލުކުރުމާއި ގުޅޭގޮތުން ބޮޑުވަޒީރަކަށް ހުންނެވި ނާސިރު ވަނީ 1967 ވަނަ ދުވަހު ވަޒީރުންގެ މަޖިލީޙުގައި މަޝްވަރާކުރައްވާފައެވެ.
އެންމެފަހުން މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހުރިގޮތެއް ބެލުމަށް ވޯޓަކަށް ދިޔައެވެ. ރައްޔިތުންގެ މަޖިލީހުގެ 44 މެންބަރުންގެ ތެރެއިން 40 މެންބަރުންގެ ވޯޓުން ފާސްވީ، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ރައްޔިތުން ބަސްބުނާގޮތް ހޯދުމަށެވެ.
މިގޮތުން 1968 ވަނަ އަހަރުގެ މާރޗް މަހުގެ 15 ވަނަ ދުވަހު ރައްޔިތުންގެ މެދުގައި ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށްޓަކައި ފެންނަ ނުފެންނަ ވޯޓެއް ނެގުނެވެ. ރައްޔިތުންގެ މެދުގައި ނެގުނު މި ވޯޓުގެ ނަތީޖާއިން ދެއްކި ގޮތުގައި 36،997 މީހުން ރުހުން ދިނީ ޖުމްހޫރީ ނިޒާމަކަށެވެ. އަދި ރަސްކަމަށް އޮތުމަށް ރުހުންދިނީ 8،551 މީހުންނެވެ.
އެ ވޯޓަށްފަހު 1968 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހު ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރުގެ ޒަޢާމަތަށް އިސްކުރެވުނެވެ.
އިބްރާހިމް ނާސިރުގެ ވެރިކަން 10 އަހަރަށް ދެމިއޮތެވެ. ނާސިރަށްފަހު ދެވަނަ ޖުމްހޫރިއްޔަތުގެ ދެވަނަ ރައީސެއްގެ ގޮތުން 1978 ވަނަ އަހަރު ވެރިކަމަށް އިންތިހާބުވެ ހުވާކުރެއްވީ މައުމޫން އަބުދުލް ގައްޔޫމެވެ. ރައީސް މައުމޫނަކީ ރާއްޖޭގައި އެންމެ ގިނަ ދުވަސްވަންދެން ވެރިކަންކުރެއްވި ބޭފުޅާއެވެ. ރައީސް މައުމޫން 30 އަހަރު ވެރިކަން ކުރެއްވުމަށްފަހު 2008 ވަނަ އަހަރު ތިންވަނަ ޖުމްހޫރިއްޔާގެ ގޮތުގައި ވެރިކަމުގެ ހުވާކުރެއްވީ މުހައްމަދު ނަޝީދެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އުފެދިގެންދިޔަ ހަލަބޮލިކަމަށްފަހު 2012 ވަނަ އަހަރު ރައީސް ނަޝީދު އިސްތިއުފާދެއްވުމުން ދެން ވެރިކަމަށް ވަޑައިގެންނެވީ ރައީސްގެ ނައިބެއްގެ ގޮތުގައި ހުންނެވި ޑރ.މުހައްމަދު ވަހީދު ހަސަން މަނިކެވެ.
ދެވަނަ ޖުމްހޫރިއްޔާގެ ހަތަރުވަނަ ރައީސްގެ ގޮތުގައި ހުންނެވި ޑރ ވަހީދަށްފަހު 2013 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހު ރައީސްކަމުގެ ހުވާކުރައްވާފައިވަނީ ޢަބްދުﷲ ޔާމީނެވެ. ރައީސް ޔާމީނަށްފަހު، މިހާރު ރައީސްކަމުގައި ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާކުރައްވާފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހެވެ.
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މިއަދު ވަޑައިގަންނަވާ އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒަކީ ރާއްޖޭގެ ޖުމްހޫރީ ތާރީޚުގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމު ފުރުއްވާ 8 ވަނަ ރައީސުލްޖުމްހޫރިއްޔާ އަށެވެ.
ރައީސްކަމުގެ މަގާމަށް ޑރ.މުއިއްޒު އިންތިހާބުވެ ވަޑައިގެންނެވީ ވޯޓު ދިން މީހުންގެ 55 އިންސައްތަ ހޯއްދަވައިގެންނެވެ. ނިމިގެންދިޔަ މިދިޔަ ރިޔާސީ އިންތިހާބަކީ ގިނަ ކެންޑިޑޭޓުންނަށް ވާދަކުރެވޭގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިޞްލާހުތަކަށް ފަހު ރާއްޖޭގައި ބޭއްވި 4 ވަނަ ރިޔާސީ އިންތިޚާބެވެ. އަދި މިއީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރެއްވި އިންތިހާބުވެސް މެއެވެ.
މަސްދަރު: މިނިވަން
ކޮމެންޓްސް (0)