ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އަންނަ ދައުރުގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާނެ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމްގެ އިންތިހާބުކޮށްފި އެވެ.
މަޖިލީހުގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވީ 49 މެމްބަރުންގެ ސޮޔާ އެކު އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.
މަޖިލިސްގެ ރައީސްގެ މަގާމަށް މެމްބަރަކު އައްޔަނުކުރަން ރޭ ބޭއްވި ޖަލްސާގައި ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله އެވެ. އެ މަގާމަށް އަސްލަމް އިންތިހާބުކުރީ ހާޒިރުވެވަޑައިގެންނެވި 76 މެމްބަރުންގެ މެދުގައި ނެގުނު ސިއްރު ވޯޓަކުންނެވެ.
އަސްލަމް އިންތިހާބު ކާމިޔާބު ކުރެއްވީ 53 ވޯޓުންނެވެ. އަލީ އާޒިމަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.
މި އިންތިހާބުގައި އަސްލަމްއާ ވާދަކުރެއްވީ ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ. އަސްލަމްގެ ނަން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވިއިރު އާޒިމްގެ ނަން ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ.
އަސްލަމް އެންމެ ފުރަތަމަ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވީ 2005 ގަ އެވެ. އޭރުން ފެށިގެން މެދުކެނޑުމެއްނެތި އޭނާ ގެންދަވަނީ މަޖިލީހުގައި ހިދުމަތް ކުރައްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޮވެމްބަރު 2018 ގައި ހަވާލުވުމާ އެކު ހުސްވި އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަގާމު ވެސް 2019 ގެ މަޖިލިސް އިންތިހާބާ ހަމައަށް އަސްލަމް ފުރުއްވި އެވެ.
މަޖިލިސް 19 ގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ އަސްލަމްއަކީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރެއްވި އިރު އެމަނިކުފާނުގެ ރަނިން މޭޓެވެ. އަދި, މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރުކަން ވެސް އަސްލަމް ގެންދަނީ ފުރުއްވަމުންނެވެ.