މަނީ ލޯންޑްރިންގެ މައްސަލާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމްގެ ތެރެއިން، ފަސް މިލިޔަން ރުފިޔާގެ ޖޫރިމަނާ ހޯދަން ދައުލަތުން، ހުށަހެޅި މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
ދައުލަތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ، އާރަށު މައްސަލައިގައި ރައީސް ޔާމީން ފަސްމިލިޔަން ޑޮލަރުން ޖޫރިމަނާކޮށް 25 ޑިސެމްބަރު 2022 އިން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް އެ ފައިސާގެ އެއްވެސް މިންވަރެއް ދައްކާފައި ނުވާތީ އެ ހުކުމް ތަންފީޒު ކޮށްދިނުމަށެވެ.
އެ މައްސަލައިގެ އިސްތިއުނާފާއެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށް ޔާމީން އެދިފައިވާއިރު އެ ކަމާ ގުޅިގެން ޖޫރިމަނާގެ ހުކުމް ފަސް ކުރުމުގެ އަމުރު ހައިކޯޓުން ވަނީ ނެރެފައެވެ.
އަންގާރަ ދުވަހު ސިވިލްކޯޓުން ކުރި ހުކުމްގައި ވަނީ ރައީސް ޔާމީންގެ އާރަށު މައްސަލައަށް ހައިކޯޓުން ގޮތެއް ކަނޑއަޅަންދެން ނުވަތަ އެނޫން ގޮތަކަށް އަންގަންދެން ޖޫރިމަނާ ފައިސާ ހޯދުމުގެ ގޮތުން އެއްވެސް މައްސަލައެއް ކޯޓަށް ހުށަހެޅިފައި ވާނަމަ، އެ މައްސަލަ ކުރިއަށް ނުގެންދިއުމަށާއި، އެ ނޫން ގޮތަކުންވެސް ޖޫރިމަނާ ފައިސާ ހޯދުމަށް ޓަކައި މީރާއިން ނުވަތަ ދައުލަތުގެ އެހެންވެސް އިދާރާއަކުން އެއްވެސް މަސައްކަތެއް ނުކުރުމަށް، ޝަރުއީ ކޯޓުތަކަށާއި، ދައުލަތުގެ ކަމާ ގުޅުންހުރި އެންމެހައި އިދާރާތަކުގެ މައްޗަށް އަންގައި ހައިކޯޓުން އަމުރު ނެރެފައިވާ ކަމަށެވެ.
ޔާމީންގެ މައްސަލަ ހައިކޯޓުން ނިމޭނެ ދުވަހެއް އަންދާޒާކޮށް އެނގެން ނެތުމުންނާއި، ރާއްޖޭގެ ހައިކޯޓުން ދައުލަތާ އެއްކޮޅަށް މައްސަލަ ނިމިއްޖެނަމަ، ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް އޮންނާނެތީ، ހައިކޯޓުން މައްސަލަ ނިމެންދެން މި މައްސަލަ ސިވިލްކޯޓުގައި ބޭއްވުމުގެ ބޭނުމެއް އޮތް ކަމަށް ނުދެކޭ ކަމަށްވެސް ބުނެފައިވެއެވެ.