އަމީން އާންމާއި ކައުންސެލާ ޖެނެރަލްގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނަން: ރޮޒައިނާ

މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ އާއި ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާގެ މައްސަލަ އިމްތިޔާޒާއި ސުލޫކް ކޮމިޓީން ބަލައި ފިޔަވަޅު އަޅާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ

ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ ނޯޓިސްގެ މުއްދަތު ހަމަވެ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހާޒިރުނުވުމުގެ ސަބަބުން ފާއިތުވި ދެ ދުވަހުވެސް ގަރާރު ކުރިއަށް ނުގެންގޮސް ދެ ފަހަރު ބާއްވަން އޮތް ޖަލްސާވެސް ކެންސަލް ކުރުމުން އެމްޑީޕީ މެންބަރުންގެ ފާޑުކިޔުންތައް އަމީން އާންމަށް ވަނީ އަމާޒުވެފައެވެ.

އެމްޑީޕީން ވަނީ އަމީން އާންމުގެ އެ ނިންމެވުންތަކަކީ ގަވައިދާ ހިލާފު ނިންމެވުނަތަކެއްކަން ބުނެ ސުޕްރީމް ކޯޓަށް މައްސަލައެއްވެސް ހުށައަޅާފައެވެ. މީގެ އިތުރުން އެ ޕާޓީން ވަނީ ގަރާރު ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ނަޝީދުގެ މައްސަލަ ފަސްކޮށް މި އަހަރަށް ފާސްކުރި ބަޖެޓަށް އިތުރު ކުރަން ހުށަހަޅާފައިވާ ސަޕްލިމަންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅުން މަޖިލީހުގެ އިދާރާއިން މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.

މިއަދުގެ ޖަލްސާގައި ރޮޒައިނާ ވިދާޅުވީ، މަޖިލީހުގެ ރައީސް ރިޔާސަތުގައި ނެތުމުން، ގާނޫނާ ހިލާފަށް މަސައްކަތް ކުރެއްވުމުގައި އެންމެ އިސްކޮށް ހުންނަވަނީ އަމީން އާންމު ނިއުޝާ ކަމަށާއި އެކަން މިއަދުގެ މަޖިލިސް ޖަލްސާގެ ތަޅުމުގައި ފެނިގެންދިޔަ ކަމަށެވެ. މީގެ އިތުރުން މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފުލައްވައި، މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަންތައް ކުރައްވަން އަމީން އާންމު އުޅުއްވި ކަމަށްވެސް ރޮޒައިނާ ވަނީ ތުހުމަތު ކުރައްވާފައެވެ.

ރޮޒައިނާ ވިދާޅުވީ، މަޖިލީހުގެ އަމީން އާންމު ނިއުޝާ އާއި ކައުންސެލާ ޖެނެރަލް ފިލްޒާ، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްއާ ގުޅިގެން މަޖިލީހުގެ މުޅި އިމްތިޔާޒަށް އަރައިގެންފައިވާކަމަށެވެ. އަދި އެ ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ދުރާލާ ރާވައިގެން ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

advertisement

Next: ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ސާވޭ ހެދުމަށް އަންނަ އަހަރުގެ ބަޖެޓުގައި 30 މިލިއަން ހިމަނައިފި