ރައީސް ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ގެންދެވޭނެ: މަޖިލިސް

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް އެ މަޖިލިހަށް ހުށަހެޅި ގަރާރެއް ލިބިފައިވާ ކަމަށް މަޖިލީހުން ބުނެފިއެވެ.

މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރު، ހަސަން ޒިޔާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަނީ ލިބިފައި ކަމަށެވެ. މި މައްސަލަ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސް ކުރީ އިއްޔެއެވެ. އެގޮތަށް ނިންމީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އެންމެ ފަހުން، އެ މައްސަލަ މަޖިލިހަށް ހުށަހަޅާފައިވަނީ 48 މެމްބަރުންގެ ސޮޔާއެކުގައި ރޭގެ ވަގުތެއްގައެވެ.

މަޖިލިހަށް ހުށަހެޅި ގަރާރުގައި ވަނީ މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި މަޖިލީހުގެ ތަޅުމަށް ކަންކަން ގެނައުމުގައި ނަޝީދުގެ އަމިއްލަ މަސްލަހަތު އިސްކޮށް ވަކި ފަރާތަކަށް ބުރަވެ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަންކަން ނިންމަމުންދާ ކަމަށެވެ. މަޖިލީހުގެ ނިޒާމު ހިފެހެއްޓުމުގެ ބަދަލުގައި މަޖިލީހުގެ ނިޒާމު ގެއްލުވާލުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ނަޝީދު ވާގިވެރިވަމުން ގެންދާ ކަމަށް ވެސް އެމްޑީޕީން ތުހުމަތު ކުރެއެވެ.

advertisement

މީގެއިތުރުން ރައްޔިތުންގެ މަޖިލިސް އެތައް ދުވަހެއް ވަންދެން ހުއްޓުވާފައި ބޭއްވުމަށް ފަހު، ނަޝީދު ނިސްބަތްވާ ޕާޓީގެ އަދި އެ މަނިކުފާނުގެ މަސްލަހަތު އޮތް މައްސަލަތަކެއް މަޖިލީހަށް ތާވަލު ކުރުމަށް ފަހު އެ މައްސަލަ ކުރިއަށް ގެންދިއުމަށް ޖަލްސާތައް ބާއްވާފައިވާ ކަމަށް އެ ގަރާރުގައިވެއެވެ.

ރިޔާސަތުގައި އިންނަވައިގެން ނަޝީދު ތަކުރާރުކޮށް މަޖިލީހުގެ ގަވައިދާ ހިލާފަށް ޖަލްސާތައް ކުރިޔަށް ގެންދަވާތީ އާއި މުޅި މަޖިލީހުގެ ނިޒާމް ހިފެހެއްޓެވުމުގެ ބަދަލުގައި ނިޒާމް ގެއްލުވާލަން މަސައްކަތް ކުރާ ފަރާތްތަކަށް އެމަނިކުފާނު ވާގިވެރިވާ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެއެވެ.

މަޖިލީހުގެ ގަވާއިދުގެ ދަށުން، މިފަދަ ގަރާރެއް ލިބުމުގެ ތިން ދުވަހުގެ ތެރޭގައި އެކަމުގެ ނޯޓިސް މަޖިލީހުގެ ރައީސަށާއި މެމްބަރުންނަށް ފޮނުވަންޖެހެއެވެ. އަދި އެ ނޯޓިސްގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަންޖެހެއެވެ.

މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ކުރެވޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށްފަހު ކަމަށް ގަވާއިދުގައި ބުނެއެވެ. މަޖިލީހުގެ ރައީސް މަގާމުން ވަކިކުރެވެނީ އެ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ އަޣުލަބިއްޔަތެވެ

advertisement
Next: ޔަހޫދީން  1،000 ޓަނުގެ ގޮވާތަކެތި ޣައްޒާއަށް ޙަމަލާ ދިނުމަށް ބޭނުންކޮށްފި