އެމްޑީޕީ އަކީ ބަހުގެ އިތުބާރު ހިފޭ ޕާޓީއެއް ނޫން: ނަޝީދު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ބަހުގެ އިތުބާރު ހިފޭ ޕާޓީއެއް ކަމަށް ނުދެއްނެވޭނެ ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ވޯޓެއް ނެގުމަށް މެންބަރުން ކުރައްވަމުން ގެންދަވާ ބަހުސްގެ ތެރެއިން މަޖިލިހުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓުން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކޮށްފިނަމަ ނިޒާމީ ވޯޓަކަށް ދާން އެމްޑީޕީން އެއްބަސްވެފައިވާކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ.

“އަޅުގަނޑު ނުދަންނަވާނަން އެމްޑީޕީ އަކީ މިވަގުތު ބަހުގެ އިތުބާރު ހިފޭ ބާވަތުގެ ޕާޓީ އެއް ކަމަކަށް. އެހެން ނަމަވެސް ކަންކަން ހިނގާފައި އޮތް ގޮތް އަޅުގަނޑު މި ދަންނަވާލީ،”

ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުން ދަނީ ނަޝީދާއި، ނަޝީދު އިސްވެ ހުންނަވާ އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސް އެވެ.

ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް އެހެން ޕާޓީއެއްގެ ސާފު ތާއީދު މިހާތަނަށް ލިބިފައެއް ނުވެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓަކަށް ދާން ޑިމޮކްރެޓްސްގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ގަރާރެއް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

advertisement
Next: ގަލަޓަސަރާއީއާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް ބަލިވެއްޖެ