ކަރަންޓް ކިތަންމެ ގިނައިން ބޭނުންކުރިއަސް ބިލް ބޮޑުނުވާގޮތަށް ރޭޓެއް ކަނޑައަޅާނަން: ރައީސް

ކަރަންޓް ކިތަންމެ ވަރަކަށް ބޭނުންކުރިޔަސް ފީގެ ރޭޓު ބޮޑުނުވާނެ ގޮތަކަށް ފްލެޓް ރޭޓެއް ކަނޑައަޅައި ލުޔެއް ހޯއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އެމްޑީޕީން މާވެޔޮ މަގު ހުވަދޫ ޖަގަހަ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރިޔާސި އިންތިޚާބުގެ ކެމްޕެއިންގައި ގޭބިސީތަކަށް ވަޑައިގަތުމުން އެންމެ ގިނައިން އިވިވަޑައިގެންނެވި އެއް ކަންބޮޑުވުމަކީ ކަރަންޓު ބިލު ބޮޑުވާ މައްސަލަކަމަށެވެ. އެގޮތުން ލިބޭ އާމްދަނީން ގޭގެ ކުއްޔާއި ކަރަންޓު ބިލު ދެއްކުމަށްފަހު، އިތުރު ޚަރަދުތައް ދެކޮޅު ނުޖެއްސޭ ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ފަރާތުން އިވިވަޑައިގެންނެވިކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ އެ ކަންބޮޑުވުމަށް ހައްލެއް ގެނައުމުގެ ގޮތުން ކަރަންޓް ބޭނުންކުރާ ޔުނިޓުގެ އަދަދަށް ބަލާ، އެކި ޔުނިޓް ރޭންޖުތަކަށް އެކި ރޭޓު ނުގެންގުޅެ، އެއްހަމައެއްގައި ކޮންމެ ޔުނިޓަކަށް ރޭޓު ކަނޑައަޅާ، ކިތަންމެ ގިނައިން ކަރަންޓް ބޭނުންކުރިޔަސް ބިލް ބޮޑު ނުވާނެގޮތަށް ހައްދަވަން ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދަޢުލަތުން ދެމުން އަންނަ އެލަވަންސް 7،000 ރުފިޔާއަށް ބޮޑުކުރަން ސަރުކާރުން ނިންމަވާފައިވާކަންވެސް އިއުލާންކުރައްވާފައެވެ. ރައީސް ޞާލިހް ވިދާޅުވީ މިހާރު އުމުރުން ދުވަސްވީ މީހުންނަށްދޭ 5،000 ރުފިޔާއަކީ މީގެ އަހަރުތަކެއް ކުރިން ކަނޑައަޅާފައިވާ އަދަދެއް ކަމަށާއި އެ ފައިސާއިން ދިރިއުޅުމުގެ ހަރަދުތައް ދެކޮޅުނުޖެހޭކަން ރައްޔިތުން ފާހަގަކުރާކަަމަށެވެ. އެެހެންކަމުން މިހާރު އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދޭ އިނާޔަތް 5،000 ރުފިޔާއިން 7،000 ރުފިޔާއަށް ބޮޑުކުރަން ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

“އަޅުގަނޑުމެން އެ ސިޔާސަތު ބަދަލުކޮށްފިން. ކުރިއަށް އޮތްތަނުގައި 65 އަހަރުންމަތީގެ މީހުންނަށް 7،000 ރުފިޔާގެ އެލަވަންސް ދޭން ނިންމައިފިން. ރިޓަޔަމަންޓް އޭޖް 65 އަހަރުން 70 އަހަރަށް ބަދަލުކުރުމަށް ވަނީ ނިންމާފައި.” 

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.  

މީގެއިތުރުން ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް ހައުސިން އެލަވަންސްގެ ގޮތުގައި 7،000 ރުފިޔާގެ އެލަވެންސެއް ދިނުމަށްވެސް ނިންމަވާފައިވާކަން ވަނީ އިއުލާންކުރައްވާފައެވެ.

advertisement
Next: ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ބައްދަލުވުން –ރައީސް އެދިވަޑައިގެންނެވީ ނަޝީދުގެ ތާއީދަށް