އެމްޓީޑީން ރައީސް ސާލިހާ އެކު ބައްދަލުވުމެއް ބާއްވައިފި

ކުރީގެ ނައިބު ރައީސް، އަހްމަދު އަދީބު އުފައްދަވާފައިވާ ސިޔާސީ ޕާޓީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހާ ބައްދަލުކޮށްފިއެވެ.

އެމްޓީޑީ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މިއީ ދެ ޕާޓީގެ ގުޅުން ބަދަހިކުރުމުގެ ގޮތުންނާއި ގައުމުގެ ހުރި މައްސަލަތަކާއި ސިޔާސީ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އެ ޕާޓީން އެމްޑީޕީ އާ ބައްދަލުކޮށްފައިވާއިރު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް އެމްޑީޕީ އިން އަންނަނީ އެކި ފަރާތްތަކާއެކު މަޝްވަރާ ކުރަމުންނެވެ.

އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއެކު ވެސް މަޝްވަރާ ކޮށްފައިވާއިރު، ޖޭޕީ އިން ނިންމާފައިވަނީ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށެވެ. އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ނިންމާފައިވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓިުގެ ގޮތުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށް ތާއީދު ކުރުމަށެވެ. އަދި އެ ޕާޓީން މިހާރުގެންދަނީ މުއިއްޒު އާއެކު ކެމްޕެއިންތަކުގައި ވެސް ބައިވެރިވަމުންނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ނިންމާފައިވަނީ މި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އެއީ މި މަހުގެ 9 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ވާދަކުރެއްވި 8 ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ އަށްވުރެ މަތީން ވޯޓު ލިބިވަޑައިގެންފައިނުވާތީއެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ޕީއެންސީގެ މުއިައްޒު އާއި އެމްޑީޕީ އިން މިހާރުގެ ރައީސް ސާލިހެވެ.


advertisement
Next: ނިޒާމީ ވޯޓު ނެގުމުގެ ބާރު މަޖިލީހަށް އެބައޮތް- ނަޝީދު