މިފްކޯއިން މަސް ގަންނަ އަގު ކިލޯއެއް 25 ރުފިޔާއަށް ބޮޑުކޮށްފި

ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސް ގަންނަ އަގު 25 ރުފިޔާ އަށް ބޮޑުކޮށްފި އެވެ.

މިފްކޯއިން މީގެ ކުރީން މަސް ކިލޯއެއް ގަންނަނީ 17 ރުފިޔާ އަށެވެ. ނަމަވެސް 2023 ސެޕްޓެމްބަރ 16 ވަނަ ދުވަހުން ފެށިގެން އެ ކުންފުންޏަށް މަސް ގަންނަ އަގު ކިލޯއެއް 25 ރުފިޔާ އަށް ބޮޑުކޮށްފައިވާ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

ސަރުކާރުގެ މަސް ކުންފުނިން މަސް ގަންނަ އަގު ބޮޑުކުރިއިރު، ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާޙީމް މުޙައްމަދު ޞާލިޙް 2023 ސެޕްޓެމްބަރ 15 ވަނަ ދުވަހުގެރޭ ވަނީ ވެރިރަށް މާލޭގައި ބައެއް މަސްވެރިންނާ ބައްދަލުކުރުމެއް ބާއްވަވާފައެވެ.

މި ބައްދަލުވުމާއި ގުޅިގެން އެމްޑީޕީން ބުނީ އެ ޕާޓީ އަކީ އަބަދުވެސް މަސްވެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށް އިސްކަންދޭ ޕާޓީއެއް ކަމަށެވެ.

މަސް ގަންނަ އަގު ބޮޑުކޮށްފައި މިވަނީ ޔޫރަޕަށް އެތެރެކުރާ މަހަށާއި އިނގިރޭސިވިލާތަށް އެތެރެކުރާ މަހަށް މިހާރު ނަގަމުންދާ ޑިއުޓީ ކަނޑާލުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަަސައްކަތްތަކަށް ކުރިއެރުންތަކެއް ލިބިފައިވާކަމަށް ސަރުކާރަށް ތާއީދުކުރާ ބައެއް ބޭފުޅުން ވިދާޅުވެފައި ވަނިކޮށެވެ.

މަހުގެ އަގު ބޮޑުކޮށް، މަސްވެރިންނަށް ރަނގަޅު ނަފާއެއް ހޯދައިދޭން މަސައްކަތް ކުރުމަށް ރިޔާސީ އިންތިޚާބުގައި ބައެއް ކެންޑިޑޭޓުން ވަނީ ވަޢުދު ވެސް ވެފައެވެ.


advertisement
Next: ރީ-ރަޖިސްޓާކުރަން 47،000 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅާފައި- އިލެކްޝަން ކޮމިޝަން