ފުޓްބޯޅަ މެޗެއްގެ ފުރަތަމަ ހާފުން ބަލިވުމުން އެ މެޗު ނިމުނީ ކަމަށް ނިންމައިގެން ނުވާނެ ކަމަށާއި ދެވަނަ ހާފުގައި ނުކުމެ އިތުރަށް ލަނޑު ޖަހައި ނަތީޖާ ބަދަލުކުރާ އުސޫލުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހު މިހެން ވިދާޅުވީ ސޯސަން ޖަގަހައިގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ޞާލިހް ވިދާޅުވީ އެމްޑީޕީން ދެވަނަ ބުރާ ކުރިމަތިލަނީ އާ އަޒުމަކާއި ރޫހާއި ޖޯޝާ އެކުގައި ކަމަށާއި އެކަން އެމްޑީޕީގެ ކުރީގެ ހަރަކާތްތެރިން ކެމްޕެއިނާ ގުޅިވަޑައިގަތުމުން ހާމަވެގެންދާކަމަށެވެ.
އަޅުގަނޑުމެން ނުކުމެ މިތިބީ މެޗަކަށް. ފުރަތަމަ ހާފު ނިމިއްޖެ. ފުރަތަމަ ހާފު ނިމުމަކީ މެޗު ނިމުމެއް ނޫން. ބައެއް ފަހަރު ފުރަތަމަ ހާފުގައި 3-1 އިން 4-2 އިން ބަލިވޭ. އެއް ބަޔަކު މޮޅުވޭ. މިއަދު މިތިބީ އެގޮތަށް ބަލާނަމަ 3-1 ގެ ތަފާތަކުން. 2 ވަނަ ހާފުގައި ނުކުމެ އެވަރަށް ހަމަކޮށް އިތުރަށް ދެ ލަނޑު ޖަހައި ފަސް ލަނޑުން އިރާދުކުރެއްވިއްޔާ ކާމިޔާބުކުރާނީ.”
ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.
ރައީސް ޞާލިހް ވިދާޅުވީ އިންތިޚާބުގައި ފަހަތުން އަރާ ކުރި ހޯދުމަށްޓަކައި ބޭނުންވާ ބަދަލުތައް މިދިޔަ ދުވަސްތަކުގެ ތެރޭގައި ގެންނަވާފައިވާނެކަމަށެވެ. އަދި އެންމެ އިސްކަމެއް ދެއްވައިގެން ކުރަން ޖެހޭ ކަމަކީ ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރުންކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީގެ ޓީމުތަކުން ގޭގެއަށް ޒިޔާރަތްކޮށް އެ ޕާޓީއަށް ވޯޓު ދޭން ޖެހޭ ސަބަބުތައް ބަޔާންކޮށްދިނުމަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.
މިމަހުގެ 30 ވާ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގައި ރައީސް ޞާލިޙްއާ ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒުއެވެ.