ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން މެޑިކަލް އޮފިސަރުންނަށް އެޓެންޑަންސް އެލަވަންސް ލިބޭގޮތަށް ހަމަޖައްސައިފިއެވެ.
މިގޮތަށް ހަމަޖައްސަވާފައިވަނީ ސިއްހީ ދާއިރާ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް ބޮޑުކުރި މުސާރައާއި ގުޅިގެން އުފެދުނު ކަންބޮޑުވުންތަކާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.
އެގޮތުން މީގެކުރިން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން މެޑިކަލް އޮފިސަރުންނަށް އެޓެންޑަންސް އެލަވަންސް ނުލިބުނު ނަމަވެސް އެކަމަށް ބަދަލު ގެނެސް، އެ އެލަވަންސް ލިބޭގޮތަށް ވަނީ ހަމަޖައްސަވާފައެވެ.
މީގެ އިތުރުން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރާނަމަ ނަރުހުންނަށް އެޓެންޑަންސް އެލަވަންސް ލިބޭނެގޮތަށް ވެސް ވަނީ ހަމަޖައްސަވާފައެވެ. މިއީ އައިޖީއެމް ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހުންގެ ފަރާތުން ލިބިފައިވާ ޕެޓިޝަން ދިރާސާ ކުރެއްވުމަށްފަހު، ނިންމެވި ނިންމެވުމެކެވެ.
ހަމަމިއާއެކު ސިއްހީ ފަރުވާދޭ ތަންތަނުގައި މަސައްކަތްކުރާ ނަން-ކްލިނިކަލް ނަރުހުންނާއި ކްލިނިކަލް ނަރުހުންނަށް ބަދަލުކުރުމަށް ވެސް ނިންމަވާފައިވާއިރު، މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އައު އޮނިގަނޑުގެ ދަށުން މަގާމު ދަށްވާ ނަރުހުންގެ ތެރެއިން މަސައްކަތުގެ މަސްއޫލިއްޔަތަށް ބަދަލެއް ނާންނަ ނަރުހުންގެ މަގާމު ދަށްނުކޮށް ކުރިން ތިބި މަގާމުގައި ބޭތިއްބުމަށް ރައީސް ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން ރައީސް ނިންމަވާފައިވާ ކަންކަަމުގެ ތެރޭގައި 2018 ވަނަ އަހަރު ކިޔެވުމަށް ގްރޭސް ޕީރިއަޑް ދީފައިވާ ނަރުހުންގެ ގްރޭސް ޕީރިއަޑް 2026 އަށް އިތުރުކުރުމަށާއި އައު އޮނިގަނޑަށް ހިޖުރަކުރުމުގައި މައްސަލަ ދިމާވެފައިވާ ކަމަށް ފާހަގަވެފައިވާ ނުވަ ނަރުހުންގެ މައްސަލަ ހައްލުކުރުމަށް ވެސް ވަނީ ނިންމަވާފައެވެ. އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އައު އޮނިގަނޑުގެ ދަށުން މަގާމު ދަށްވާ ނަރުހުންގެ ތެރެއިން މަސައްކަތުގެ މަސްއޫލިއްޔަތަށް ބަދަލެއް ނާންނަ ނަރުހުންގެ މަގާމު ދަށްނުކޮށް ކުރިން ތިބި މަގާމުގައި ބޭތިއްބުމަށް އުސޫލަށް ގެންނަންޖެހޭ ބަދަލު ޕޭ ކޮމިޝަނުން ގެންނެވުމުން އެ ނަރުހުންނަށް އިތުރަށް ކިޔެވުމަށް ޝަރުތު ކުރުމަށްފަހު ކުރިން ތިބި މަގާމަށް ބަދަލުކުރުމަށް ވެސް ނިންމަވާފައި ވެއެވެ.
މީގެ އިތުރުން 1 މޭ 2022 ގައި އަމަލުކުރަން ފަށާފައިވާ ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު، އިނާޔަތްދެވޭނެ މިންގަނޑާ ގުޅޭގޮތުން ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންނާއި ޓީޗަރުންގެ ތެރެއިން 862 ބޭފުޅުން ސޮއިކޮށް ހުށަހަޅުއްވާފައިވާ ޕެޓިޝަން ވެސް ވަނީ ދިރާސާ ކުރައްވާފައެވެ.
އެގޮތުން އެ ޕެޓިޝަން ދިރާސާކުރައްވައި ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު، އިނާޔަތް ދެވޭނެ މިންގަނޑުގެ ހަތްވަނަ މާއްދާގެ (ހ) ގައި އެއްވެސް މުވައްޒަފެއް ދައުލަތުގެ ޕޭ ފްރޭމްވާކަށް ހިޖުރަކުރާ ތާރީހުން ފެށިގެން 18 މަސް ދުވަހުގެ ތެރޭގައި ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތް ދޭންޖެހޭނަމަ އެ މުވައްޒަފަކަށް ލިބޭނެ އިނާޔަތް އިހުތިޔާރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަމަށް ބަޔާންކޮށްފައިވާތީ އެ މާއްދާގައި ބަޔާންކުރާ މުއްދަތު 2024 ގެ ޖެނުއަރީގެ ނިޔަލަށް އިތުރުކޮށްދެއްވުމަށް ވެސް ވަނީ ނިންމަވާފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ރާއްޖޭގެ ބައެއް މީޑިއާތަކަށް ވިދާޅުވެފައިވާ ގޮތުގައި މި ބަދަލުތައް ގެނައުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވުމަށް ނޭޝަނަލް ޕޭ ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަނަށް ރައީސް އޮފީހުން އިއްޔެ އަންގަވާފައިވާ ކަމަށެވެ.