މިއީ ރާއްޖެދެކޭ އެންމެ ޑިމޮކްރެޓިކް އިންތިހާބު: ރައީސް

މިއީ މިހާތަނަށް ރާއްޖެ ދެކޭ އެންމެ ޑިމޮކްރަޓިކް އެއް އިންތިހާބަށް ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވޯޓުދެއްވުމަށް ފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ، މި އިންތިހާބުގެ ކެމްޕޭނަކީ މިނިވަން ކެމްޕޭނެއްކަމަށާއި މިއީ ކުރިން އިންތިހާބުތަކުގައި ނުފެންނަ މަންޒަރެއް ކަމަށެވެ.

ރައިސް ވިދާޅުވީ، މި އިންތިހާބުގައި  90 އިންސައްތަ މީހުން ވޯޓުލާނެކަމަށް ލަފާފުޅުކުރެއްވޭ ކަމަށެވެ. އަދި އިންބު ރަނގަޅަށް ކުރިއަށްދާކަމަށް މިހާތަަނަށް ފެނިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

ހުރިހާ ދިވެހި ރައްޔިތުންވެސް ވޯޓު ލުމުގެ ހައްގު ބޭނުންކުރުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.

މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ 8 ކެނޑިޑޭޓުންގެ ތެރެއިން،  6 ކެނޑިޑޭޓަކު މިހާތަނަށް ވޯޓުލައްވާފައިވާ އިރު، ހުރިހާ ކެނޑިޑޭޓުން ވެސް ވަނީ ވޯޓުލާން ދިއުމަށް އިލްތިމާސް ކުރައްވާފައެވެ.

މިއަދު ހެނދުނު 8:00 އިން ފެށިގެން ރިޔާސީ އިންތިހާބު2023 ގެ ވޯޓުލުން ކުރިއަށް ދަނީ ވަރަށް އަމާންކަމާ އެކުގައެވެ.


advertisement
Next: މިއީ ވަރަށް މުހިންމު ވޯޓު ކަރުދާސްކޮޅެއް، ރަނގަޅު ނަތީޖާއަކަށް އުންމީދުކުރަން: ނަޝީދު