އިންތިހާބުގައި ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ނިންމުމާއި އެކު އިދިކޮޅުގެ ކަންބޮޑުވުން!

އަންނަ ހޮނިހިރު ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ދިވެހި ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ނިންމުމާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެެ.

އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް މިއަދު ވިދާޅުވީ ވޯޓުލާ މަރުކަޒުގެ އެތެރޭގައި ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުން ކުރުމަކީ އެއީ ބޮޑު ނުރައްކަލެއް ކަމަށާއި އޭގެ ސަބަބުން ވޯޓުލާ ބޫތުގައި ކަންކަން ހިނގަމުންދާ ގޮތް ޕޮލިސް ކޮމާންޑް ސެންޓަރަށް ލިބޭނެ ކަމަށެވެ.  އަދި އެއީ “ވޯޓު ލައިވް ކުރުން” ކަމަށް ތޮލާލް ވިދާޅުވި އެވެ.

“މަރުކަޒުތަކުގެ އެތެރޭގައި ބޮޑީ ކެމް ޖައްސައިގެން އުޅޭކަމަށް ވާނަމަ މީގެއިން އެބައުޅޭ ވަރަށް ބޮޑު ނުރައްކަލެއް. އެއީ ވޯޓިން ބޫތުގައި މީހާ ހުންނައިރު އަދި ވޯޓިން ބޫތު އަރާ ގޮތަށް ޕޮލިސް މީހާ އެނބުރި ހުރެއްޖެއްޔާ ޕޮލިސް ކޮމާންޑް ސެންޓަރަށް ހަމަ ހުރިހާ މައުލޫމާތެއް ލިބެމުންދާނެ،”

ތޮލާލް ވިދާޅުވި އެވެ.

ތޮލާލް އިތުރަށް ވިދާޅުވީ ފުލުހުންގެ އެ އަމަލަކީ ބިރުވެރިކަމެއް ނެތި ވޯޓުލުމަށް ހުރަސް އެޅޭ އަމަލަކަށްވާތީ އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ފުލުހުންނާ ވާހަކަދައްކައިގެން އެކަން ހުއްޓުވަންޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު 2023 އާއި ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށްގެންދާ “އޮޕަރޭޝަން ބްލޫ ވޭވް”ގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ބޮޑީ ވޯން ކެމެރާ އާއެކު ވޯޓުލާ މަރުކަޒު ތެރެ އާއި ޕޯލިން ސިސްޓަމް ތަކުގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށާއި އެ ކެމެރާ ބޭނުން ކުރާނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ.


advertisement
Next: ފެނަކަ އަކީ ދައުލަތަށް އާމްދަނީ ހޯދަން ހަދާފައި އޮތް ކުންފުންޏެއް ނޫން: ރައީސް