ހުވަދު އަތޮޅަށް ދެ އިންޓަނޭޝަނަލް އެއާޕޯޓްގެ ވައުދު

އިންޓަރގްރޭޑެޓް ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްރޮޖެކްޓަކާއި އެކު ގދ. ކާޑެއްދޫ އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލު ނުކުރެވޭނަމަ، ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްޤީކޮށްދެއްވާނެ ކަމުގެ ވައުދު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފިއެވެ.

ގދ، ތިނަދޫއަށް މި ސަރުކާރުން ސިޓީއެއްގެ ދަރަޖަ ދީފައިވާއިރު، ރޭ އެރަށުގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ވިދާޅުވީ ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓަކާއި، ގއ. ވިލިނގިލީގައި އިންޓަގްރޭޑެޓް ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްރޮޖެކްޓަކާއި އެކު އިންޓަނޭޝަނަލް އެއާޕޯޓެއްވެސް ތަރައްޤީކޮށްދެއްވާނެ ކަމަށެވެ

ބައިނަލްއަގްވާމީ އެއާޕޯޓަކަށް ކާޑެއްދޫ ނެހެދިއްޖެނަމަ އެއާޕޯޓް ހަދާނީ ތިނަދޫގައި

ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތިނަދޫއަށް ސިޓިއެއްގެ ދަރަޖަ ދިނުމަށްފަހު ގެންނަވާނީ ހެޔޮ ބަދަލެއް ކަމަށާއި، ތަރައްޤިގެ ބޮޑެތި މަޝްރޫއުތައް އެ ސީޓީގައި ހިންގަވާނެ ކަމަށެވެ. އެގޮތުން ސިއްހީ ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމަށް ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ބަޔަކާއި ހަވާލުކޮށްފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އަދި ކޮމާޝަލް ހާބަރެއްގެ މަސައްކަތް ފެށިފައިވާ ކަމަށް ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ކޮމާޝަލް ހާބަރުގެ މަސައްކަތް ނިންމާ ރާއްޖޭން ބޭރުން އަންނަ ބޯޓުފަހަރު އެސިޓީއަށް ބަނދަރުކޮށް މުދާ ބާލާ، މުދާ ބަރުކޮށް ހެދޭނެ ކަމަށެވެ.

މީގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް، އިމިގްރޭޝަން އަދި މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) ފަދަ މުވައްސަސާތަކުގެ މަސައްކަތް އެ ސިޓީގައި ފެށުމާއި އެކު އެތަށް ސަތޭކަ ވަޒީފާ އުފެދިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިނަދޫ ކޮމާޝަލް ހާބަރަށް ބޭރުން އަންނަ ބޯޓުފަހަރަށް ގާތް ކުރެވޭނެ

ރައީސް ސޯލިހުި ވިދާޅުވިއެވެ.

އަދި ތިނަދޫއަކީ މަސްވެރިކަމުގައި އަރާއޮތް ރަށެއް ކަމަށާއި، ތިނަދޫގެ އެ ސިނާއަތާއި ދޭތެރޭ މީގެ ކުރިން ސަރުކާރުތަކުން ވެފައި އޮތް އިހުމާލުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެރަށުގައި އެއްހާސް ޓަނުގެ ކޯލްޑް ސޤޓޯރޭޖަކާއި 120 ޓަނުގެ ފްރީޒިން ފެސިޓީއެއްގެ މަސައްކަތް ފެށިގެންދާ ކަމަށެވެ. އަދި ތިނަދޫ ސިޓީގެ މަސްވެރިނަށް، އައިސްމަސް ކިރޭނެ ހުރިހާ ހިދުމަތެއް އެތަނުން ލިބޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިަޔށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ބަދަލެއް އެސީޓީން ފެންނާނެ ކަމަށެވެ.

ތިނަދޫ ސިޓީއަކަށް ބަދަލުކުރީ ތަރައްޤީގެ ބިޔަ މަޝްރޫއުތައް ހިންގަން

ރައީސް ސޯލިހު ވިދާޅުވިއެވެ.

Next: ސިޓީއެއްގެ ގޮތުގައި ތިނަދޫ ކަނޑައެޅުއްވުމާއި ގުޅިގެން އައްޑޫސިޓީ ކައުންސިލުގެ މަރުހަބާ ތިނަދޫ ސިޓީއަށް