ސަންދާނު އަހަންމައިދީ ނިޔާވެއްޖެ

ރައީސް އޮފީހުގެ ހިއުމަން ރައިޓްސް އެމްބެސެޑަރު ކަން ކުރެއްވި އަހުމަދު އިބްރާހިމް ދީދީ (ސަންދާނު އަހަންމައިދީ) ނިޔާވެއްޖެއެވެ.

ސަންދާނު އަހަންމައިދީގެ އާއިލާއިން މައުލޫމާތު ދިން ގޮތުގައި އޭނާ ނިޔާވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. .

އުމުރުން 72 އަހަރުގައި އޭނާ ނިޔާވީ ބަލިވެ އުޅޭތާ ދުވަސްކޮޅެއް ފަހުން ކަމަށް މައުލޫމާތު ލިބިފައި ވެ އެވެ. އަހައްމައިދީގެ ޖަނާޒާ އޮންނާނީ މިއަދުގެ އަސުރުނަމާދަށް ފަހު ހުޅުމާލެ ސަހަރާގަ އެވެ.

އަހައްމައިދީއަކީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ބޮޑަށް ހުއްޓިފައި އޮތް ދުވަސްވަރު ނެރުނު އިންޓަނެޓް މަޖައްލާ ” ސަންދާން ” މަޖައްލާގެ އިސް މޭސްތިރިއެކެވެ.

ސަންދާން މަޖައްލާ ނެރެ ދިވެހި ދައުލަތާ ދެކޮޅަށް މަސައްކަތް ކުރުމުގެ ކުށުގައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2002 ވަނަ އަހަރު އަހައްމައިދީ 15 އަހަރަށް ޖަލަށް ލި އެވެ. ފަނަރަށް އަހަރަށް ޖަލަށްލި ނަމަވެސް ފެބްރުއަރީ 2006 ގައި އަހައްމާއިދީ އަށް މައުމޫން މާފު ދެއްވައި ޖަލުން މިނިވަންކުރައްވާފައިވެއެވެ.

އަހައްމައިދީއާ އެކު، ސަންދާން މަޖައްލާ ނެރުނު މައްސަލާގައި އެހެން ތިން މީހަކު ވެސް އެދުވަސްވަރު މައުމޫނުގެ ސަރުކާރުން ޖަލަށް ލި އެވެ. އެއީ މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އާއި އިބްރާހިމް ލުތުފީ (ސަންދާނު ލުތުފީ) ގެ އިތުރުން ފާތުމަތު ނިސްރީނެވެ.

ޖަލުން މިނިވަންވުމަށް ފަހު ވެސް ސަންދާނު އަހައްމައިދީ ވަނީ އިންސާނީ ހައްގުތަކާއި ގާނޫނުއަސާސީން ލިބިދީފައިވާ ހައްގުތައް ހޯދައި ދިނުމަށް މުޒާހަރާތަކާއި އެއްވުންތަކާއި އެކިއެކި އެހެން ފޯރަމްތަކުގައި ވަރަށް ގިނަ ދުވަސް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ. ނަމަވެސް ނިޔާވީ ސިއްހީ ހާލަތުގެ ގޮތުން އެ ކަންކަމާ ދުރުގައި ހުންނަވާތާ ދުވަސްތަކެއް ފަހުންނެވެ


advertisement
Next: ކުރިއަށްއޮތް 5 އަހަރު އިބޫގެ ވެރިކަމެއް ނިމޭއިރު އައްޑޫސިޓީގެ އެއްވެސް މީހަކު ވަޒީފާ ނުލިބިގެން އުޅޭކަށް ނުޖެހޭނެ- ރޮޒެއިނާ