ހުޅުޖެހި ނަމަވެސް ކެމްޕެއިނަށް އަސަރު ނުކުރާނެ- ރޮޒެއިނާ

ހުޅުޖެހި ނަމަވެސް ކެމްޕެއިނަށް އަސަރު ނުކުރާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ މަޑަވެލީގައި ހުންނަވައިގެން އޮންލައިންނޫސް “އަދަދު”އަށް  ދެއްވި ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.  ރޮޒެއިނާ ވިދާޅުވީ އަމާން ރާއްޖެއެއް ގެނެވޭނީ ހަމައެކަނި ރައީސް ސޯލިހަށްކަން ރޭގެ ހާދިސާއިން ވެސް ދޭހަވާ ކަމަށެވެ.

” އެއްތަން ނެތިއްޔާ އަނެއްތަނެއްގަވެސް އަޅުގަނޑުމެންގެ ހަރަކާތްތައް ކުރިއަށް ގެންދާނަން، އެކަމަކު މިކަހަލަ ކަންތައްތައް ކުރުމަކީ ރައްޔިތުންގެ ތެރޭގައި ހިތްހަމަ ނުޖެހުން އުފެދިގެން ދާނެ ކަމެއް،” ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ އެމްޑީޕީގެ އިލްތިމާސަކީ އެފަދަ އަމަލުތަކަށް ރައްދު ނުދިނުން ކަމަށާއި ރައީސް ސޯލިހު ދައްކަވާ މިސާލަކީ ވެސް އެއީ ކަމަށެވެ.

“އަޅުގަނޑުމެންގެ ރައީސް ދައްކަވާ ނަމޫނާ އަކީ އެކަހަލަ ކަންކަން ކުރާ މީހުންނަށް ރައްދުދިނުމުގެ ބަދަލުގައި އެޔަށްވުރެ ރަނގަޅަށް އެ ބަޔަކާ އެކީ ދޭތެރޭގަ އަމަލުކުރުން، އެހެންވީމަ އަޅުގަނޑުމެންގެ އަމަލުތައް ހުންނާނީ އެހެން،”

ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ ޖަގަހަ ހަލާކުކޮށްލުމުން ވެސް އެނގި ހާމަވަނީ އަމާން ރާއްޖެއެއް ގެނެވޭނެ ހަމައެކަނި ކެންޑިޑޭޓަކީ ރައީސް ސޯލިހު ކަމަށާއި އެފަދަ ގައުމެއް ދެމެހެއްޓޭނީ މިފަދަ ވެރިޔަކާއެކު ކުރިއަށް ގޮސްގެން ކަމަށެވެ.

“މިބޭފުޅުންގެ ވިސްނުން އަދިވެސް މި އޮންނަނީ ހިޔާލު ތަފާތުވާ ބަޔަކު ވެއްޖިއްޔާ އެބައެއްގެ ތަންތަނުގައި ރޯކުރުން ކަހަލަ ކަންތައްތައް ކުރުން.”

ރޮޒެއިނާ ވިދާޅުވިއެވެ.

މަޑަވެލީ ޖަގަހާގައި ހުޅުޖެހުމުން މިއަދު ރައީސް ސޯލިހު އެރަށަށް ވަޑައިގެން އެ ރަށުގައި ބޭއްވުނު ކެމްޕެއިން ޖަލްސާ ބޭއްވުނީ  އެރަށު ބަނދަރުގައި ހުރި ގަހެއްގެ ދަށުގަ އެވެ.

މަސްދަރު: އަދަދު .ކޮމް

advertisement
Next: ނަޑެއްލާ، ރަތަފަންދޫ، ފިއޯރީގެ އައު އިންޖިނުގެއާއި އޮފީސް ޢިމާރާތް ރައީސް ހުޅުއްވައިދެއްވައިފި