ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވަން ޕްރޮފެސަރު ޙަސަން އުގެއިލް ނިންމަވައިފިއެވެ.
އުގެއިލް ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސް ޞާލިޙާއި އެމަނިކުފާނުގެ ރަނިންގމޭޓް މުޙައްމަދު އަސްލަމަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
“2023 ގެ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ކުރިމަތިލައްވާ އިބޫ, އަސްލަމަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން. އެދެނީ ކާމިޔާބީއަށް.“
ޕްރޮފެސަރު އުގެއިލްގެ ޓުވީޓުގައި ލިޔުއްވާފައިވެއެވެ.
2021 ވަނަ އަހަރު ރ.މީދޫ ”ޒުވާނުންގެ އުންމީދު“ ޖަމްޢިއްޔާއިން ކްލަބް ހައުސްގައި ބޭއްވި ފޯރަމެއްގައި އުގެއިލް ވަނީ މުސްތަގުބަލުގައި ސިޔާސީ މައިދާނުން ފެނިދާނެކަމަށް ވެސް ވިދާޅުވެފައެވެ.